މަޝްހޫރު ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "މިލީ" މާދަމާ ސިނަމާތަކުގައި އަޅުވަން ހަމަޖައްސައިފިއެވެ.
ޝައުގުވެރި އެތައް ކަމެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދާއިރު ޓްރެއިލާ އިން ފެނިގެންދަނީ ފިނިތަނަކަށް ޖާންވީ ވައްދާފައި އެތަން ބަންދުކޮށްފައި ހުންނަ މަންޒަރެވެ. އަދި ގިނައިރު ވާވަރަކަށް ޖާންވީގެ ފުރާނަ ނުރައްކާވާ މަންޒަރާ އެތަނުން ޖާންވީ ނުކުންނަން ކުރާ މަސައްކަތް ވެސް ފެނިގެންދިޔައެވެ. މި ފިލްމުގައި ޖާންވީ ކުޅޭނީ އުމުރުން 24 އަހަރުގެ މިލީ ނޯޑިއާލް ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ރޯލެވެ. މި ފިލްމުގައި މިލީ އަކީ ބެެޗް ލާސް އޮފް ސައިންސް އިން ނާސިންގެ ދާއިރާ އިން ގްރެޖުއޭޓްވެފައިވާ ހުނަރުވެރި ދަރިވަރެކެވެ. ގަޑިއިރެއްހާ ތެރޭ އޭނާގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލާ މަންޒަރު ފެނިގެންދާ މި ފިލްމުގައި ޖާންވީ އާއެކު ހަރަކާތްތެރިވާނީ ސަނީ ކޯޝަލް އާއި މަނޯޖް ޕައްވާ އެވެ.
ޖަންވީގެ ބައްޕަ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމަކީ ބައްޕަ އާއެކު ޖާންވީ ކުރާ ފުރަތަމަ މަސައްކަތެވެ. މިލީ އަކީ މަލަޔާލަމް ފިލްމު "ހެލެން" ގެ ހިންދީ ރީމޭކެވެ. މަލަޔާލަމް ފިލްމު ހެލެންގެ ބަތަލާ އަނާ ބެން އަށް ވަނީ އެ ފިލްމުގައި ދައްކުވައިދިން މޮޅު އެކްޓިންގެ ސަބަބުން ސްޕެޝަލް ޖޫރީ އެވޯޑު ވެސް ލިބިފައެވެ.
ބަތަލާ ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެކު ފިލްމު "ދަޅަން" އިންނެވެ.