މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު "ޕުޝްޕާ: ދަ ރައިޒް" ގެ ދެވަނަ ބައިގެ ޝޫޓިން ފަށައިފިއެވެ.

އައްލޫ އަރްޖުން އާއި ރަޝްމިކާ މަންދަންނާ ލީޑު ރޯލުން ފެނިގެންދިޔަ ފުރަތަމަ ފިލްމެކޭ އެއްގޮތަށް ދެވަނަ ފިލްމުގައި ވެސް ހަރަކާތްތެރިވާނީ މިދެތަރިންނެވެ. ދެވަނަ ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައިނުވާއިރު މި ފިލްމުގައި އައްލޫ އަރްޖުން ފެނިގެންދާނީ ވަރަށް ތަފާތު ގޮތަކަށް ކަމަށް ހަބަރުތައް ބުނެއެވެ. ދެވަނަ ބައިގެ ޝޫޓިން ފެށުމަށްފަހު އައްލޫ ބުނީ ފިލްމުގެ ފުރަތަމަ ބަޔަށް ލިބުނު ކާމިޔާބީގެ ސަބަބުން ދެވަނަ ފިލްމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ.

އަދި ފުރަތަމަ ބައެކޭ އެއްގޮތަށް ދެވަނަ ބައި ވެސް ރީތިވާނެ ކަމަށާއި ކުރީ ފިލްމަށްވުރެ މިފަހަރުގެ ފިލްމު މާ ރީތިވެފައި ބެލުންތެރިންނަށް މާ ކަމުދާނެ ކަމަށެވެ.

ޕުޝްޕާ: ދަ ރައިޒް އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އެއް ސަބަބަކީ ފިލްމުގައި އައްލޫ އަރްޖުންގެ ކެރެކްޓާ ކުޅެފައިވާލެ ފުރިހަމަ ކަމުންނެވެ. ކްރިޓީކުންނާއި ބެލުންތެރިންވެސް ބުނީ އެ ކެރެކްޓާއަކީ ވަރަށް ވަރުގަދަ ކެރެކްޓާއެއް ކަމަށާއި އައްލޫގެ އެކްޓިން މޮޅުކަމަށެވެ. ފިލްމުގެ އިތުރުން މި ފިލްމުގައި ހިމެނުނު ލަވަތަކަކީ ވެސް މުޅިން ވައިރަލްވެގެން ދިޔަ ހިތްގައިމު ލަވަތަކަކެވެ.

ދުއިސައްތަ ފަންސާސް ކުރޯޑުގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 365 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ.