ދިވެހިންގެ ތެރޭގައި ޕީއެސް އަކީ ވެސް ވަރަށް ފޯރީގައި ގިނަ ބަޔަކު ކުޅޭ އެއްޗެކެވެ. ބައެއް މީހުން އާ ފޯން ނިކުންނަ އިރަށް ގެންގުޅޭ ފޯން ބަދަލުކޮށްލާ ބީދައިން އެންމެ ފަހުގެ ޕީއެސް މޮޑެލް ބާޒާރަށް ނިކުންނަ އިރަށް އޭގެ ފީޗާތައް ދެނެގަތުމަށް ފަހު އަވަހަށް ޕީއެސް، އާ ކޮށްލާ މީހުން މަދެއް ނޫނެވެ. ޕީއެސް ގޭމްތަކުގެ ތެރެއެިން އެންމު ކުރީ ޒަމާނުއްސުރެ ފީފާގެ ގޭމްތަކަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ގޭމެކެވެ.

އީއޭ ސްޕޯޓްސްގެ ފީފާ 23 ދާދި ފަހުން ބާޒާރަށް ނެރެފައިވާ އިރު، މޯލްޑިވްސް ޔުނިފައިޑް ގޭމިން ކްލަބް އިން ފީފާ23 އަށް ހާއްސަ ޕީއެސް މުބާރާތެއް ބާއްވަން އުޅޭ ކަން ވަނީ އިއުލާން ކޮށްފައެވެ.

ވަކިވަކި ކުޅުން ތެރިން ވާދަ ކުރާ ގޮތަށް މި ފަހަރުގެ މި މުބާރާތް ހަމަޖައްސާފައިވާ އިރު މި މުބާރާތުގައި ކޮންމެ މީހަކަށް ވެސް ބައިވެރި ވެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓާ ވާން ހުޅުވާލާފައިވާ އިރު ބައިވެރިވާ ކޮންމެ މީހަކު 50 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ.

ދަރުބާރު ގޭގެ ރަންނަބަނޑޭރި މާލަމުގެ އިރުމަތީ ފެންޑާގައި ބާއްވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މުބާރާތް ނިންމާލާނީ ނޮވެމްބަރު 6 ވަނަ ދުވަހުއެވެ.

ޕީއެސް މުބާރާތުގެ ފައިސާގެ އިނާމު ބަހާލާފައިވާ ގޮތް

މުބާރާތުން ވަނަ ވަނައަށް ދާ ފަރާތްތަކަށް ޖުމްލަ 22000 ރުފިޔާގެ ފައިސާގެ އިނާމާއި އަދިވެސް ތަފާތު އިނާމުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޔުނިފައިޑް ގޭމިން ކްލަބުން ބުނެއެވެ. 22000 ރުފިޔާގެ ފައިސާގެ އިނާމު ބަހާލާފައިވާ ގޮތް ހާމަކުރަމުން އެ ކްލަބުން ބުނީ، އެއްވަނައަށް ދާ ފަރާތަށް 7700 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

2 ވަނައަށް 5500 ރުފިޔާ، ތިން ވަނައަށް 3500 އަދި ހަތަރު ވަނައަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުން ހޮވޭ 5 ވަނައިން ފެށިގެން 8 ވަނަ އާ ހަމައަށް 500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޔުނިފައިޑް ގޭމިން ކްލަބުން ވަނީ މިފަދަ މުބާރާތެއް މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ވެސް ބާއްވާފައެވެ. އެ ފަހަރު 20،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު އެ މުބާރާތުގައި 432 ކުޅުންތެރިން ބައިވެރިވި ކަމަށް ބުނެއެވެ.