ޓެރަރިސްޓް ޖަމާއަތްތަކުން، އެމީހުންގެ ހަރަކާތްތައް ހިންގުމަށް ބޭނުން ކުރާ ޒަމާނީ ޓެކްނޮލިޖީގެ ވަސީލަތްތައް ލިބުނަ ނުދިނުމަށް މަސައްކަތް ކުރަން އދ ގެ ކައުންޓާ ޓެރަރިޒަމާ ބެހޭ 15 ގައުމު ހިމެނޭ ކޮމިޓީން ދިއްލީގައި އެއްބަސްވެއްޖެެވެ.
މިދިޔަ ހޮނިހިރު ދުވަހު ދިއްލީގައި އޮތް ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ކަންކަމުގެ ތެރޭގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަން އެފަދަ ޖަމާއަތްތަކުން ބޭނުން ކުރާ ޒަމާނީ އާލާތްތަކާއި ޓެކްނޮލޮޖީ ދެނެގަނެ އެތަކެތި ހުއްޓުވުމާއި، ސޯޝަލްމިޑިއާގެ އެކި ވަސީލަތްތަކުގައި އެފަދަ ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ދެނެގަތުމާއި، މެސެޖާއި އެނޫންވެސް ވަސީލަތްތައް ދެގެގަނެ ހުއްޓުވުން ހިމެނެއެވެ.
މެންބަރު ގައުމުތަކުން ބުނީ، ދުނިޔޭގެ ސުލްހައަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓެރަރިސްޓް ޖަމާއަތްތަކުގެ އެފަދަ ހަރަކާތްތައް ކަމަށާއި އެކަމަށް "ޒީރޯ ޓޮލަރެންސް" ގެ ސިޔާސަތެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އެފަދަ ހަރަކާތްތަކަށް ފަންޑު ކުރުމާއި ފައިނޭންސް ހޯދުމަށް ބޭނުން ކުރާ ވާޗުއަލް ކަރަންސީ (ކްރިޕްޓޯ، ބިޓްކޮއިން ފަދަ ފައިސާ) ދައުރުވާ ގޮތް ދެނެގަނެ އެކަން ހުއްޓުވަންވެސް ވަނީ އެއްބަސްވެފައެވެ.
އަދި މީހުންނާ ނުލައި އުދުއްސާ އުޅޭ އާލާތްތައް ނުވަތަ އަންމޭންޑް އޭރިއަލް ސިސްޓަމްތަކުގެ އެހީގައި އެކިއެކި ޓާގެޓް ތަކަށް ދޭ ހަމަލާތަކާއި ޑްރަގް ޓްރެފިކް ކުރުން ފަދަ ކަންކަންވެސް ދެނެގަނެ ހުއްޓުވަން ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، އދ ގެ ސެކިއުރިޓީ ކައުންސިލުން އެކުލަވާލައިފައިވާ ގަރާރަށް ހުރިހާ ގައުމަކުން ފުރިހަމަ އަށް އަމަލު ކުރުމަށްވެސް ދިއްލީ ޑެކްލަރެޝަނުގައި މެންބަރުގައުތަކުން އެއްބަސްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާއިން ވަނީ، އެގައުމުގެ ބޮމްބޭއަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާ އާ ގުޅެ އާ އޯޑިއޯއެއްވެސް އިއްވާފައެވެ. އެ އޯޑިއޯގައި ބޮމްބޭއަށް އިން ހަމަލާ ރާވާ ހިންގި މޭސްތިރިޔާ، އެކަން ހިންގި މީހުންނަށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ދީ ކިޔައިދޭ އަޑު އިވެއެވެ.
އޯޑިއޯއަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖަޔާޝަންކަރު ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތައް ދެމި އޮތުމުގެ އެންމެ މުހިންމު ވަސީލަތަކީ ފައިސާ ކަމަށާއި އެ ފައިސާ ދައުރުވާ ގޮތާއި ކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
2008 ވަނަ އަހަރު އިންޑިއާގެ ބޮމްބޭއަށް ދިން ހަމަލާތަކުގައި 166 މީހަކު ވަނީ މަރުވެފައެވެ. އެ ހާދިސާގެ މައްޗަށް ފިލްމުތައްވެސް ހަދާފައި ވާ އިރު، ޓެރަރިސްޓުން އެ ހަމަލާ ރާވާ ހިންގި ގޮތް ވަރަށް ތަފްސީލު ކޮށް ދައްކައިދީފައިވެއެވެ.
އިންޑިއާއިން ރިޔާސަތު ބެލެހެއްޓި މި ބައްދަލުވުން ނިމުނީ އިއްޔެއެވެ.