ސޯޝަލް މީޑިއާ އަކީ ތަފާތު ވައްތަރުގެ އެއްޗެހި ވިއްކަން ޕޯސްޓްކުރަން އެންމެ ރަނގަޅު އެއްތަނެވެ. އިޝްތިހާރެއް ޖެހުމަށް ވެސް ސޯޝަލް މީޑިއާ ވަރެއް ނެތެވެ. ނަމަވެސް މި އަންހެން މީހާ އޭނާގެ ފޭސްބުކްގައި ވިއްކާލަން ޖެހި އެއްޗަކުން އަންހެން މީހާ ވަނީ ވަރަށް ބޮޑަށް ވައިރަލް ވެގެން ގޮސްފައެވެ.
މާގަރެޓް ސްޓޭބަލްސް ނަމަކަށް ކިޔާ މި އަންހެން މީހާ ފޭސްބުކްގައި ވިއްކާލަން ޕޯސްޓުކުރީ ސަންދޯކެކެވެ. އެ ސަންދޯކުގެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރަމުން އޭނާ ބުނީ އެ ސަންދޯކަކީ މުޅިން އާ އެއްޗެއް ކަމަށާއި ސަންދޯން ގަތީ ފިރިމީހާ މަރުވާން އުޅޭހެން ހީވާތީ ކަމަށެވެ. ނަމަވެސް އުންމީދު ކުރިވަރަށް ވުރެ ގިނަ ދުވަސް ވަންދެން ފިރިމީހާ ދިރިހުރުމުން ގަތް ސަންދޯއް ވިއްކާލަނީ ކަމަށެވެ.
މާގްރެޓްގެ ފިރިމީހާ އަވަހަށް މަރުވާން އުޅޭހެން ހީވާތީ އޭނާ ވަނީ ފިރިމީހާގެ އާއިލާ ގާތުވެސް އެކަމަށް ތައްޔާރުވެގެން ހުންނަން ބުނެފައެވެ. ނަމަވެސް ފިރިމީހާ މަރުނުވެ މާ ދުވަސްވަންދެން ހުރުމުން ގޭގައި ސަންދޯކެއް ބެހެއްޓުމުގެ މާނައެއް ނެތް ކަމަށާއި ބޭކާރު އެއްޗެއް ގޭގައި ގިނަ ކުރަން ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސަންދޯކުގެ ބޭނުން ޖެހިފައި ހުރި މީހަކަށް އެ ވިއްކާލުމަކީ ފެނުނު އެންމެ ރަނގަޅުގޮތް ކަމަށް އޭނާ ބުންޏެވެ.
އޭނާގެ އެ ޕޯސްޓާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އެއްބަޔަކު އޭނާއަށް މަލާމާތްކޮށް ޕޯސްޓަށް ކޮމެންޓް ކުރި އިރު އަނެއް ބައި މީހުން ބުނީ ގިނައިން ލައިކް ހޯދާ، މީހުންގެ ސަމާލުކަން އަތުލައިގަންނަން އޭނާ ސްޓަންޓެއް ޖެއްސީކަމަށެވެ. އަދި އެކަން ކާމިޔާބުވެސް ވެއްޖެ ކަމަށެވެ.