ދެހާސް ތޭރަ ވަނަ އަހަރު ނުކުތް ހިޓު ފިލްމު "އާޝިގީ 2" އިން ވިދާލި ކުޅަދާނަ އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު 36، އާއި އަނަންޔާ ޕާންޑޭ 23، ލޯބީގެ ގޮތުން އުޅޭ ކަމުގެ ވާހަކަ ދެކެވެން ފަށައިފިއެވެ.
މީގެ ތިން މަސް ކުރިން ވެސް މިދެތަރިން ގުޅިގެން އުޅޭ ވާހަކަ މީޑިއާތަކުގައި ރިޕޯޓުކުރި ނަމަވެސް އެ ވާހަކަތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް ދާދި ފަހުން ބަތަލާ ކްރިތީ ސެނަން އިންތިޒާމުކޮށްގެން ބޭއްވި ޕާޓީއެއްގައި މިދެތަރިން ބައިވެރިވެ ވަނީ އެ ހަފްލާތެރޭ ވަރަށް އެއްކޮށް އުޅެފައެވެ. އަދި ޕަޕަރާޒީން ކުރިމައްޗަށް ދެމީހުން އެއްކޮށް ގޮސް ވަނީ ފޮޓޯ ނަގާފައެވެ. މީގެ ކުރިން ކޮފީ ވިތު ކަރަންގެ ހަތް ވަނަ ސީޒަނުގައި އަނަންޔާ ބުނީ އަދިތްޔާ އަކީ އޭނާ އަށް ވަރަށް ރީތި މީހެއް ކަމަށެވެ.
މިދެތަރިން އެއްކޮށް އުޅޭ މަންޒަރު ފެނި ފޭނުން ތިބީ ހިތްހަމަނުޖެހިފައެވެ. ގިނަ ބަޔަކު ބުނީ އެދެމީހުން ނުގުޅޭ ކަމަށެވެ. ދެހާސް ނަވާރަ ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވި އަނަންޔާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއެވެ. މިދެމީހުން އެކުގައި ވަރަށް ލޯބިން އުޅެފައި ކުއްލިއަކަށް ވަކިވީ ދެމީހުންގެ ކެމިސްޓްރީ ދިމާނުވާތީ ކަމަށް ބުނެއެވެ.
ކުރީގެ އެކްޓަރު ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ އާއި އަދިތްޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުފެތުރުނު ނަމަވެސް ދެމީހުންވެސް މިކަމާ މެދު އެއްޗެކޭ ބުނަފައެއްނުވެއެވެ. އެކްޓަރު އަދިތްޔާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނީ ބަތަލާ ޝްރައްދާ ކަޕޫރާއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ "އާޝިގީ 2" ގެ ސެޓުން ދިމާވެގެންނެވެ.