ބޮލީވުޑްގެ ކުޅަދާނަ ތަރި ވަރުން ދަވަން އާއި ބަތަލާ ކްރިތީ ސެނަން އެކުގައި ކުޅޭ ފިލްމު "ބޭޅިޔާ"ގެ ޓްރެއިލާ އާންމު ކޮށްފިއެވެ.
ބޮލީވުޑްގެ އެހެން ފިލްމުތަކާއި ހިލާފަށް ބޭޅިޔާ އަކީ ތަފާތު ފިލްމެއްކަން ފިލްމުގެ ޓްރެއިލާ އިން ހާމަވެގެންދެއެވެ. ވީއެފްއެކްސް ގިނަ އަދަދަކަށް ހިމެނޭ މި ފިލްމުގައި ވަރުންގެ ކެރެކްޓާ އަކީ ވަރަށް ތަފާތު ކެރެކްޓާއެކެވެ. އާންމުންކޮށް މަޖާ އަދި ލޯބީގެ ރޯލުތައް ކުޅޭ ވަރުން މި ފިލްމުގައި "ވުލްފް" އެއްގެ ގޮތުގައި ވެސް ފެނިގެންދާނެއެވެ.
ޓްރެއިލާ އިން ފެނިގެންދަނީ ކޮންމެ މަހެއްގެ ވެސް ހަނދުބޮޑުވާ ރޭ ވަރުން ވުލްފް އަކަށް ބަދަލުވާ މަންޒަރެވެ. އަދި އިންސާނުންނާއި ޖަނަވާރުން ޝިކާރަ ކުރާ ތަނެވެ. ފިލްމުގެ ޓްރެއިލާ އަށް މިހާތަނަށް 2.3 މިލިއަން ވިއުސް ލިބިފައިވާއިރު ގިނަ ބަޔަކު އަންނަނީ މި ފިލްމަށް އިންތިޒާރުކުރަމުންނެވެ. ބައެއް މީހުން ބުނީ މި ފިލްމު ވައްތަރީ ނެޓްފްލިކްސް ސީރީޒް "ޓީން ވުލްފް" ގެ ހިންދީ ވާޝަނަކާއި ކަމަށެވެ. އެއީ "ޓީން ވުލްފް" އަކީ ވެސް ވުލްފް އެއް ދަތްއެޅުމާއެކު އިންސާނުން ވުލްފް އަކަށް ބަދަލުވެ އިންސާނުން ޝިކާރަ ކުރާ މަންޒަރު ދައްކުވައިދޭ ސީރީޒަކަށްވުމުން ކަމަށެވެ.
އަންނަ މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމަށް މިހާރު އަންނަނީ ޓިކެޓް ބުކް ކުރަމުންނެވެ. އެކްޓަރު ވަރުން އާއި ކްރިތީ ވަނީ މީގެ ކުރިން އެއްކޮށް މަސައްކަތްކޮށްފައެވެ. އެއީ ކާޖޮލް އާއި ޝާހްރުކް ހާން އާއެކު "ދިލްވާލޭ" ގައެވެ. އެ ފިލްމުގައި ވަރުން އާއި ކްރިތީގެ ރޯލަށް ގިނަ ބަޔަކު ތަރުހީބު ދިން އިރު ދެމީހުންގެ ފޭނުން ތިބީ ދެތަރިން އަނެއްކާވެސް ފިލްމެއް ކުޅޭނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ.