ދެހާސް ތިން ވަނަ އަހަރު ފިލްމު "މަސްތީ" ގައި ހިމެނުނު ލަވަ "ދިލް ދޭ ދިޔާ ހޭ" އަކީ މިއަދުވެސް އާންމުންގެ މެދުގައި ނުހަނު މަގްބޫލު ލަވައެކެވެ.

އަސަރުން ފުރިގެންވާ މި ލަވައަކީ އާނަންދު ރާޖް އާނަންދު ގެ ހިތްގައިމު އަޑުން ކިޔާފައިވާ ރީތި ލަވައެކެވެ. ކުޅަދާނަ އެކްޓަރު ސިދާތު މަލްހަތްރާ އާއި ރަކުލް ޕްރީތު އެކުގައި ފެނިގެންދާތިން ވަނަ ފިލްމު "ތޭންކް ގޯޑް" ގައި ވަނީ މި ލަވައިގެ ރީމޭކެއް ހިމަނާފައެވެ. މި ލަވައިގައި ސިދާތު އާއި ރަކުލްގެ ކެމިސްޓްރީއަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު ގިނަ މީހުން ބުނަނީ އަސްލު ލަވައިން ފެންނަ މަންޒަރުތަކަށްވުރެ ލަވައިގެ ރީމޭކް މާ ފުރިހަމަވެފައި އަސަރު ގަދަ ކަމަށެވެ.

ހޯމަ ދުވަހު މި ލަވަ ނެރުނު އިރު މިހާތަނަށް މި ލަވައަށް ވަނީ 4.2 މިލިއަން ވިއުސް ލިބިފައެވެ. ގިނަ ބަޔަކު ސިދާތުގެ އެކްޓިން އަށް ތާއީދުކޮށްފައިވާއިރު އަސަރުގަދަ ރޯލުތައް ކުޅުމަށް ސިދާތު ވަރެއް ނެތް ކަމަށް ގިނަ ބަޔަކު ވަނީ އިއްތިފާގުވެފައެވެ. ފިލްމު "ތޭންކް ގޯޑް" ގައި ވަނީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ކިޔާފައިވާ "މަނިކޭ މަގޭހިތޭ" ގެ ހިންދީ ލަވައިގެ ރީމޭކެއް ވެސް ހިމަނާފައެވެ. އެ ލަވައިން ފެނިގެންދަނީ ސިދާތު އާއި ނޯރާ ފަތެހީއެވެ.

މި މަހުގެ 25 ވަނަ ދުވަހު ތިއޭޓާތަކުގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގައި އެކްޓަރު އަޖޭ ދޭވްގަން ވެސް ފެނިގެންދާނެއެވެ. ފިލްމުގެ ލީޑު ތަރި ރަކުލް ބުނީ މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާ ފިލްމެއް ކަމަށާއި ފިލްމު ނުބަލައި ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށެވެ. ފިލްމު ފެށީއްސުރެ ނިމުމާ ހަމައަށް އަންނައިރު ބެލުންތެރިން ތިބޭނީ ހީހީ ބަނޑުގައި ރިއްސާފައިކަމަށް ރާކުލް ވަނީ ބުނެފައެވެ. މީގެ އިތުރުން އެކްޓަރު ސިދާތް މި ފިލްމާ ގުޅޭ ގޮތުން ބުނީ ފިލްމުގައި މަޖާ ކަންތައްތަކެއްގެ އިތުރުން ބެލުންތެރިންނަށް ރަނގަޅު މެސެޖެއްދޭނެ ކަމަށެވެ.