ރަޝިއާގެ ދެކުނުބިތުގެ ސިޓީއެއް ކަމަށް ވާ ޔެއިސްކުގައި އާމްނުން ދިރިއުޅޭ އެޕާޓުމަންޓަކަށް އެ ގައުމުގެ އަސްކަރީ ބޯޓެއް ވެއްޓި ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
އެސްޔޫ-34 މަރުކާގެ ބޮން އަޅާ ބޯޓު އާންމުން ދިރިއުޅޭ އިމާރާތަށް ވެއްޓެން މެދުވެރިވީ، ބޯޓު ނައްޅާލުމާއެކު އެއް އިންޖީން ފެއިލްވެ ރޯވެގެން ކަމަށް މިހާތަނަށް ހާމަ ކުރި ހަބަރުތަކުން އެނގެއެވެ. އަދި އެ ބޯޓަކީ ޓްރެއިނިން އަކަށް ދުއްވާ ބޯޓެއް ކަމަށާއި ބޯޓު ވެއްޓެން ދިޔަ އިރު، އޭގައި ތިބި 2 ޕައިލެޓުން، އޮޓޮމެޓިކް ނިޒަމު ބޭނުންކޮށްގެން ބޯޓުން ބޭރަށް ވައިކުޑައިގައި ފުންމާލާފައިވާ ކަަމަށް ހަބަރުތައް ބުނެއެވެ. އާންމުކޮށް އަސްކަރީ މަތިންދާބޯޓުތައް ޑިޒައިން ކޮށްފައި ހުންނަނީ، ހާދިސާއެއްގެ ވަގުތުގައި ޕައިލެޓުން ތިބޭ ގޮނޑިއާއެކު ބޯޓުން ބޭރަށް ފޮނުވާލެވޭ ގޮތަށެވެ.
ބޯޓު ވެއްޓުނު ހާދިސާގައި 9 ބުރީގެ އިމާރާތުގެ ފުރަތަމަ ފަންގެފިލާއިން ފެށިގެން 9 ވަނަ ފަންގެފިލާއާ ހަމައަށް ހުޅގަނޑު އަރައިގެންގޮސް ރޯވި އެވެ. ސޯޝަލްމީޑިއާ އާއި ރަޝިއާގެ ރަސްމީ ނޫސްއިދާރާތަކުން ހާމަކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓުނު ގަޑީގައި ގޮވި ބާރުމިނާއެކު ބޮޑުސިންގާ އަލިފާން ބޯޅައެއްހެން އަލިފާންގަނޑު އަރައިގެން ދިޔައެވެ.
ބޯޓު ވެއްޓުނު އިރު އެ އިމާރާތުގައި އާންމުން ދިރިއުޅެމުން ދިޔަ ކަމަށާއި، މިހާަތަނަށް ފެނުނު ހަށިގަނޑުތަކުގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނޭ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެއެވެ. އަދި އެ އަލިފާންގަނޑުގެ ތެރެއިން 68 މީހަކު ސަލާމަތް ކުރެވުނު ކަމަށާއި ޒަހަމްވި ބައެއް މީހުންނަށް މިހާރުވެސް ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
މިހާދިސާގައި ބޯޓު ވެއްޓުނު އިމާރާތަކީ ރަޝިއާ އާއި ޔޫކްރައިނުން ހަނަގުރާމަ ކުރަމުން ދާ ބޯޑަރާވެސް މާދުރުނޫން ހިސާބެއްގައި ހުންނަ އިމާރާތެކެވެ. އެއީ ޔޫކްރެިްނގެ މަރިއުޕޮލް ކައިރިން އަޒޯވް ކަނޑުގެ އައްސޭރިއާވެސް ގުޅޭ ހިސާބެއް ކަމަށާއި އެތަނަކީ ރަޝިއާގެ ވައިގެ ސިފައިންގެ މައި ތަމްރީނު މަރުކަޒެއް ހުންނަ ސަރަހައްދެއް ވެސް މެއެވެ.
ރަޝިއާ މީޑިއާއިން އިތުރަށް ބުނީ، މިހާދިސާ ހިނގުމާއެކު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު، އެ އިމާރާތާ ކައިރީގައި ހުރި ސެކަންޑަރީ ސްކޫލަކުން 360 ދަރިވަރަކުވެސް ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކޮށްފައި ވާ ކަމަށެވެ.
މަތިންތާ ބޯޓުތަކާއި އަސްކަރީ ބޯޓުތަކަކީ ޖެޓް ފިއުލްއިން ދުއްވާ ބޯޓުތަކަށް ވާއިރު ޖެޓް ފިއުލް އަކީ ފަސޭހައިން ހުޅުހިފައި، އަދި ހުޅު ހިފައިފިނަމަ ބާރަށް އަނދާ ޒާތުގެ ތެލެކެވެ.