ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް އޭނާގެ އަލަތު ދަރިފުޅު ވިހާ ދުވަސް ގާތްވެފައިވާއިރު، ވިހެއުމަށްފަހު އެއް އަހަރު ދުވަހުގެ ބްރޭކެއް އޭނާ ނަގާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ވިހެއުމަށްފަހު ފިލްމީ ދާއިރާ އިން އަހަރު ދުވަހުގެ ބްރޭކެއް ނެގި ނަމަވެސް މާ ގިނަ އިރު ހޭދަނުވާ ކަހަލަ އިޝްތިހާރުތައް އޭނާ ކުޅޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އާލިއާ އާއި ގާތް މީހަކާ ހަވާލީދީ ބޮލީވުޑް ލައިފުން ބުނީ ވިހެއުމަށްފަހު އަވަސްއަރުވާލައިގެން މަސައްކަތް ކުރަން އާލިއާ ނޫޅޭކަމަށާއި އޭނާ ބޭނުންވަނީ ގިނަ ވަގުތު ދަރިފުޅާއެކު ވަގުތު ހޭދަކުރަން ކަމަށެވެ. ދަރިފުޅުގެ އެއްވެސް ކަމެއް މިސްކޮށް ނުލާ އެންމެ ފުރިހަމަ އަށް މައެއްގެ ރޯލު އަދާކުރަން އާލިއާ ބޭނުންވާ ކަމަށެވެ.

އާލިއާ ބަނޑުބޮޑު އިރު ވެސް ފިލްމީ މަސައްކަތް އިސްކުރި އިރު އޭނާ ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބުރައްމަސްތުރާ" ޕްރޮމޯޝަންތަކުގައި ވެސް އަވަދި ނެތި މަސައްކަތްކޮށްފައެވެ. އާލިއާގެ ބައެއް ފިލްމުތައް އަދި ރިލީޒްނުކުރާއިރު އޭނާ ވަނީ އެ ފިލްމުތަކުގެ ޝޫޓިންވެސް އެއްކޮށް ނިންމާލާފައެވެ. އެހެންވެ ވިހެއުމަށްފަހު އަވަސް އަރުވާލައިގެން މަސައްކަތަށް ނުކުންނަން އާލިއާ ބޭނުންނުވެއެވެ.

ފަސް އަހަރު ދުވަސްވަންދެން ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެދެތަރިން ކައިވެނިކުރީ މިދިޔަ އޭޕްރިލް މަހު ރަންބީރު ގޭގެ ބެލްކަނީގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ. ކައިވެންޏަށް ދެމަސްފަހުން ޖޫން މަހު އާލިއާ ވަނީ އަލަތު ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފައެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އާލިއާ އަށް އަމާޒުވިއެވެ. އަވަހަށް ކައިވެނިކުރީ ބަނޑުބޮޑުކަން މީހުންނަށް ނުދެއްކުމަށް ކަމަށާއި އޭނާ ހުރީ ކައިވެނިކުރި އިރުވެސް ބަނޑުބޮޑުވެފައި ކަމަށް މީހުން ބުނަމުން ގެންދިޔައެވެ.