ނަވާރަސަތޭކަ ނުވަދިހަ އަށްވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" ކުޅެދިނުމަށް ރާނީ މުކަރްޖީ ގާތު އާދޭސްކުރަން ޖެހުނު ކަމަށް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.
ކަރަން ޖޯހަރުގެ ބައްޕަގެ ފިލްމު ކުންފުނި ޔަޝް ރާޖް އިން ގެނެސްދިން މި ފިލްމަކީ މިއަދު ވެސް ދިވެހިންގެ މެދުގައި ވެސް މަގްބޫލު ފިލްމެކެވެ. މި ފިލްމުގައި ޓީނާ ކެރެކްޓާ ކުޅުމަށް ގިނަ ތަރިންނެއް ގާތު އާދޭސްކުރަން ޖެހުނު ކަމަށާއި މި ރޯލު ކުޅުމަށް އެކަކު ވެސް އެއްބަސްނުވި ކަމަށް ކަރަން ބުންޏެވެ. ފިލްމަށް 24 އަހަރު ފުރުމުގެ މުނާސަބާތުގައި ފިލްމާ ގުޅޭގޮތުން ކަރަން ބުނީ ފިލްމުގެ ވާހަކަ އަށެއްކަ ތަރިންނަށް ކިޔާދިން ކަމަށާއި ނަމަވެސް އެކަކުވެސް ޓީނާ ކެރެކްޓާ ރޯލު ކުޅެދޭން އެއްބަސް ނުވި ކަމަށެވެ. ޓީނާ ރޯލު ހުށައެޅި ބައެއް ތަރިންނަކީ އައިޝްވާރިޔާ ރާއީ، ތާބޫ އަދި އުރްމިލާ ހިމެނެއެވެ.
ޓީނާ ރޯލު ކަރަން ލިޔުނީ ޓްވިންކަލް ކަންނާ އަށް އެ ކެރެކްޓާ ފެތޭނެ ގޮތަށެވެ. ނަމަވެސް އޭނާ ވެސް އެ ރޯލު ކުޅެން އެއްބަސްނުވި ކަމަށް ކަރަން ބުންޏެވެ.
"ގޮތްހުސްވެގެން އަހަރެންނަށް ހީވި ދެން އަހަރެންނޭ ޖެހޭނީ ސްކާޓް ލައިގެން އެ ރޯލު ކުޅެން. އެހާވެސް ގޮތްހުސްވެފައި އަހަރެން ހުރީ،"
ކަރަން ބުނީ ޓީނާ ކެރެކްޓާ ރޯލު ކުޅެން އެކަކުވެސް އެއްބަސްނުވި ސަބަބަކީ ފިލްމުގެ މެދަކާ ހިސާބަށް ނުދަނީސް ޓީނާ މަރުވާތީ ކަމަށެވެ. ޓީނާ މަރުވި ނަމަވެސް ފިލްމުގައި މިހާރާއި އޭރުގެ މަންޒަރުތައް ދައްކާއިރު ޓީނާ ވެސް ބޮޑު ރޯލެއް ކުޅެއެއެވެ. ރާނީ ގެ "ރާޖާ ކީ އާޔޭގީ ބާރަތު" ބެލުމަށްފަހު ރާނީ އަށް އެ ރޯލު ހުށައެޅި ކަމަށާއި ނަމަވެސް އޭނާވެސް ފުރަތަމަ މި ރޯލަށް އިންކާރު ކުރި ކަމަށެވެ. ނަމަވެސް ފަހުން އެތައް ވާހަކައެއް ދެއްކުމަށްފަހު މި ރޯލު ކުޅެދޭން ރާނީ އެއްބަސްވި ކަމަށް ކަރަން ބުންޏެވެ.
ބޮލީވުޑްގެ އޮން ސްކްރީން އެންމެ މަގްބޫލު ޖޯޑު ކާޖޮލް އާއި ޝާހްރުކްހާން ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ސަލްމާން ހާންވެސް ހަރަކާތްތެރިވިއެވެ. މި ފިލްމަކީ 100 މިލިއަން ރުޕީސް ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމަށްވަނީ 1.7 ބިލިއަން ރުޕީސް ގެ އާމްދަނީ އެއް ލިބިފައެވެ. މި ފިލްމަކީ ބޮލީވުޑް ތާރީހުގައި ވެސް އެންމެ ރަނގަޅަށް ހިނގި ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.