ދެހާސް ފަނަރަވަނަ އަހަރު ނެރުނު ހިޓު ފިލްމު "ދުރިޝަމް"ގެ ދެވަނަ ބައިގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ފިލްމުގެ ފުރަތަމަ ބައި ނިމުނު ހިސާބުން ދެވަނަ ބައި ފެށިގެންދާއިރު މި ފިލްމަކީ ކުޅަދާނަ އެކްޓަރު އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމެކެވެ. ވިޖޭ ސަލްގޮންކަރު ނަމަކަށް ކިޔާ މީހެއްގެ ރޯލުން އަޖޭ ފެނިގެންދާއިރު ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ އޭނާގެ އާއިލާ ސަލާމަތްކުރުމަށް މީހެއްގެ މަރުގެ މައްސަލަ ފޮރުވަން މަސައްކަތްކުރާ މައްސަލައެވެ. ފިލްމު ނިމިގެން ދިޔައީ އެކަން ކާމިޔާބުވެސްވެގެންނެވެ.

ފިލްމުގެ ދެވަނަ ބައިގެ ޓްރެއިލާ ފެށިގެންދިޔައީ ހަތް އަހަރުވީ މަރުގެ މައްސަލައިގެ ކޭހެއް އަލުން ހުޅުވުނު ހަބަރާއެކުއެވެ. އެކްޓަރު އަކްޝޭ ކަންނާ ފެނިގެންދަނީ އެ ކޭސް ތަހުގީކު ކުރަން އަންނަ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. ސަލްގޮންކަރު އާއިލާ އަށް ޝައްކުކުރެވޭ ކަންތައްތަކެއް ފެނުމުން އަނެއްކާވެސް މި ކޭސް ހުޅުވުނުއިރު ޓްރެއިލާ ނިމިގެންދަނީ ވިޖޭ އެ ތުހުމަތުތަކަށް އެއްބަސްވެގެންނެވެ.

އަންނަ މަހުގެ 18 ގައި ސިނަމާތަކަށް އަންނަ މި ފިލްމުގައި އަޖޭގެ އިތުރުން ފެނިގެންދާ ތަރިންނަކީ ތާބޫ، އީޝާ ދައްތާ އަދި ޝްރިޔާ ސަރަން އެވެ. މި ތަރިންނަކީ ފިލްމުގެ ފުރަތަމަ ބައިން ވެސް ފެނިގެންދިޔަ ތަރިންނެވެ. ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރީ ނިޝިކަންތު ކަމަތު އެވެ. އޭނާ 2020 ވަނަ އަަހަރު މަރުވީ ލިވާ މައްސަލަ އެއްގައެވެ. އޭނާ މަރުވުމުން މި ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކޮށް އާންމުންނާ ހަމައަށް ގެނެސްދެނީ އަބީޝެކް ޕަތަކް އެވެ.

ޝައުގުވެރި ގިނަ މަންޒަރުތަކެއް ފިލްމުގެ ޓްރެއިލާ އިން ފެނިގެންދާއިރު މި ފިލްމުގެ ފުރަތަމަ ބަޔަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.