މިދިޔަ އަހަރު ޝޫޓިން ފެށި ސަލްމާން ހާން އާއި ކެޓްރީނާ ކެއިފް ގެ "ޓައިގާ 3" ރިލީޒްކުރުން ފަސްކޮށްފިއެވެ.

އޭކް ދަ ޓައިގާ އާއި ޓައިގާ ޒިންދާ ހޭ ގެ ލީޑު ރޯލުން ފެނިގެންދިޔަ ކުޅަދާނަ ދެތަރިންގެ ސީކުއަލްގެ ތިން ވަނަ ފިލްމު މިހާރު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީ ހިސާބުގައެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ. މި ފިލްމު ރިލީޒްކުރުން ފަސްކުރިކަން ހާމަކުރީ ސަލްމާން ނެރުނު ފިލްމުގެ އާ ޕޯސްޓަރާ އެކުގައެވެ.

މަނީޝް ޝަރްމާ ޑައިރެކްޓްކޮށް އަދިތްޔާ ޗޯޕްރާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ވަރުގަދަ އެކްޝަން މަންޒަރު ހިމެނޭ ފިލްމެކެވެ. ފިލްމުގެ ކުރީގެ ދެބަޔަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. ފިލްމު ކުޅުމަށް ކެޓްރީނާ ހާއްސަ އެކްޝަން ޓްރެއިނިން ތަކެއް ހެދިއިރު މި ފިލްމު ރިލީޒްކުރާނީ ތިން ބަހަކުންނެވެ. އެއީ ހިންދީ، ތަމަޅަ އަދި ތެލެގޫއެވެ. މި ފިލްމަކީ 40.1 މިލިއަން ޑޮލަރު (300 ކުރޯޑު)ގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

ދެހާސް ބާރަ ވަނަ އަހަރު ސީކުއަލްގެ ފުރަތަމަ ފިލްމު "އޭކް ދަ ޓައިގާ" ގެނެސްދިނީ ކަބީރު ހާން އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ވަނީ "ޓައިގާ ޒިންދާ ހޭ" ގެނެސްދީފަ އެވެ.

ބޮލިވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ކެޓްރީނާ އާއި ސަލްމާންގެ އޮން ސްކްރީން ކެމިސްޓްރީ އަކީ ގިނަ ބައެއްގެ ތާއީދާއި މަގްބޫލުކަން ހޯދާފައިވާ ޖޯޑެކެވެ. އާންމުކޮށް މިދެތަރިން އެކުގައި ކުޅޭ ފިލްމުތައް ވަރަށް ބޮޑު ހިޓަކަށްވެގެން ދެއެވެ.