ޗިކަން ސެލެޑަކަށް އޯޑަރު ނުދިނުމުން ބަތަލާ ޖާންވީ ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ދޫކޮށްލި ކަމަށް އޭނާ ބުނެފިއެވެ.

ކޮފީ ވިތު ކަރަން ސީޒަން ގެ ހަތްވަނަ ސީޒަނުގައި ބަތަލާ ސާރާ އަލީ ހާން އާއި ޖާންވީ ކަޕޫރު ގެސްޓެއްގެ ގޮތުގައި ގެނެސްދިން މި އެޕިސޯޑުގައި ޖާންވީ ބުނީ އެދުވަހު ހުރީ ވަރަށް ބަނޑުހައި ވެފައި ކަމަށާއި ލޯބިވެރިޔާ ކައިރީ އޭނާ އެދުނީ އޭނާއަށް ޗިކަން ސެލެޑެއް ގެނެސްދިނުމަށް ކަމަށެވެ. ނަމަވެސް ލޯބިވެރިޔާ އޭނާ އަށް ޗިކަން ސެލެޑެއް ނުގެނެސްދިނުމުން އައި ރުޅީގައި ލޯބިވެރިޔާ އާއި ރުޅިވީ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު މަރުވި ފިލްމީ ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ދަރިފުޅު ޖާންވީ ބުނީ އެކަމާ ލޯބިވެރިޔާ ދޫކޮށްލި ނަމަވެސް ހަ ގަޑިއިރު ތެރޭގައި އަލުން ރަށްޓެހިވި ކަމަށެވެ. ސެލެޑެއް ނުގެނެސްދީގެން ލޯބިވެރިޔާ ދޫކޮށްލި ވާހަކަ އަޑުއަހާފައި ޝޯ ގެ ހޯސްޓް ކަރަން ޖޯހަރު ބުނީ ކާއެއްޗެއްގެ މައްސަލައިގައި އެވަރު ކޮށްލަފާނެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާ އެކު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޖާންވީ އަކީ މިވަގުތު ފިލްމީދާއިރާގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އެކެވެ. އޭނާގެ ފުރަތަމަ ފިލްމު ރިލީޒްވުމުގެ ކުރިން އޭނާގެ މަންމަ ސްރިދޭވީ ވަނީ މަރުވެފައެވެ. ނަމަވެސް ޖާންވީގެ ފުރަތަމަ ފިލްމުގެ 20 މިނެޓު މަންމަ ބެލިކަމަށް ޖާންވީ ބުނެފައި ވެއެވެ.

އެ ފިލްމަށް ފަހު އިޝާން އާއި ޖާންވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަޑު ވަރަށް ބާރަށް ފެތުރުނު ނަމަވެސް އިޝާން އާއި އަނަންޔާ ޕާންޑޭ ގުޅުނު ވާހަކައާއެކު އެ ވާހަކަ ދެއްކުން ހުއްޓުނެވެ. މިހާރު އިޝާން އާ އަނަންޔާ ވެސް ހުރީ ހުސްކޮށެވެ.

ބަތަލާ ޖާންވީ އެންމެ ފަހުން ފެނިގެން ދިޔައީ "ގުޑް ލަކް ޖެރީ" އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމު "މިލީ" އިންނެވެ. އެ ފިލްމު ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައެވެ.