ރަޝިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް އޮންނަ ކަޒަކިސްތާނުގައި ދެގައުމުގެ ވެރިން ބައްދަލު ކުރައްވާފައި ވާއިރު، ތުރުކީ މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޯރުކޮށްދިނުމަށް ރަޝިއާއާއި ތުރުކީން މަޝްވަރާ ކޮށްފިއެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާއި ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ގެ ބައްދަލުވުމުގައި ތުރުކީގެ ތެރެއިން ޔޫރަޕަށް ގޭސް ފޮނުވުމުގެ ހިޔާލަށް ދެބޭފުޅުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ބައްދަުވުމަށް ފަހު ބޭއްވެވި ޕްރެސްގައި ޕުޓިން ވިދާޅުވީ، ތުރުކީގެ ހިޔާލަކީ، ރަނގަޅު ހިޔާލެއް ކަމަށާއި ތުރުކީ މަގުން އެކަން ކުރެވިއްޖެ ނަމަ، ސިޔާސީ ސަބަބުތަކާ ހުރެ ގޭހުގެ އަގުތައް އަތް ނުފޯރާ ވަރަށް އަރައިގެން ދިޔުންވެސް ހުއްޓުވޭނެ ކަމަށާއި އަދި އެއީ އެންމެ ޔަގީން މަގު ކަމަށެވެ.

މި ކަމުގައި ތުރުކީގެ ރައީސް ޓީވީގައި ވާހަކައެއް ނުދައްކަވައެވެ. ނަމަވެސް ދެގައުމުގެ އޮފިޝަލުން ހާމަކޮށްފައި ވާ ގޮތުން، އެ މަޝްރޫއު ނުވަތަ އެ ހިޔާލު ހަގީގަތަކަށް ހެދުމަށް މަސައްކަތް ފެށުމަށް ދެގައުމުން ވަނީ އެއްބަސްވެ އެއީ ދެކޮޅު ޖެހޭ ޕްރޮޖެކްޓެއްތޯ ބެލަން ނިންމާފައެވެ.

ޔޫރަޕަށް އެތެރެ ކުރާ ގޭހުގެ 24 ޕަސެންޓަކީ ރަޝިއާގެ ޕީޓާސްބާގުން ގޮސް ޖަރުމަނަށް އަޅާފައި އޮންނަ ދެ ހޮޅިއަކުން ފޮނުވާ ގޭހެވެ. ރަޝިއާ އާއި ޔޫކްރައިން ހަމަގުރާމައާ ހެދި 2 ހޮޅިވެސް ބަންދުކޮށްފައި އޮންނަތާ އެތައް ދުވަހެއް ފަހުން، އޭގެ ތެރެއިން އެއްހޮޅި ގޮވާ، ކަނޑަށް ގޭސް ލީކުވުމުގެ ބޯޑު ހާދިސާއެއްވެސް ދާދިފަހުން ވަނީ ހިނގާފައެވެ. ހޮޅި ގޮވުމުގެ ޒިންމާ، ރަޝިއާއިން ޔޫރަޕްގެ ބޮލުގައި އަޅުވާ އިރު، ޔޫރަޕުން ބުނެފައި ވަނީ އެއީ ޔޫރަޕަށް ޖެއްސުންކުރަން ރަޝިއާއިން އަމިއްލަ އަށް ކުރި ކަމެއް ކަމަށެވެ.

މި 2 ހޮޅި ބަންދުކޮށް ޔޫރަޕަށް ގޭސް ފޮނުވުން ރަޝިއާއިން ހުއްޓާލާފައި ވާ އިރު، އެތަނުން އެއް ހޮޅި ގޮވި ހާދިސާގެ އެއް ދުވަސް ފަހުން، ޕޮލެންޑުން އިންވެސްޓްކޮށްގެން ނޯވޭގައި ހެދި ގޭސް ހޮޅި ހުޅުވާ ޔޫރަޕަށް މިހާރު ދަނީ ގޭސް ދޫކުރަމުންނެވެ. ނަމަވެސް އެ ހޮޅިން ދޫކުރާ އަދަދަކީ ފިނި ޔޫރަޕް ހިފަހައްޓާލެވޭ ވަރާ ގާތް ކުރާ އަދަދަކަށް ނުވާ އިރު، ޔޫރަޕްގެ ގިނަ ގައުމުތައް މިހާރުވެސް ވަނީ ގޭހަށް ޖެހިފައެވެ.

އޭގެ ތެރެއިން އެއް ގައުމަކީ ޖަރުމަނެވެ. ޖަރުމަން ގޭހަށް ޖެހިގެން ފުރަތަމަ ފަހަރަށް ފުރާންސުން ގޭސް އެތެރެ ކޮށްފިއެވެ. ފްރާންސުން ޖަރުމަނަށް މިޙާރު ދޫކުރަނީ ދުވާލަކަށް 31 ގިނަވޮޓް އަވާސް ގެ ގޭހެއެވެ. އެއީ ޖަރުމަނަށް ދުވާލެއްގެ މައްޗަށް ބޭނުންވާ އަދަދުގެ 2 ޕަސެންޓެވެ.

ރަޝިއާއިން ތުރުކީ އަކީ ގޭހުގެ އާ މައި މަރުކަޒަށް ހަދައިފި ނަމަ، އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، ޔޫރަޕުން އެކަމަށް ރައްދު ދީ ބުނެފައި ވަނީ ޔޫރަޕަށް ގޭސް ފޮނުވާނެ އިތުރު ގޮތްތައް ހޯދާ، ގިނައިން ގޭސް ފޮނުވަން އިތުރު ހޮޅިތައް އަޅަނީ ކީއްކުރަން ކަމެއް ނުވިސްނޭ ކަމަށެވެ.