އަންނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް، ސަރުކާރުން އަންދާޒާކޮށްފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ސަރުކާރުން މިވަގުތު މަސައްކަތް ކުރަމުން ދަނީ ވަރަށް ބޮޑަށް ބަދަލުވަމުންދާ ހާލަތެއްގައި ކަމަށާއި، އެކަމަކު ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުންދާ ކަމަށެވެ.
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ، ރާއްޖެ އަށް ފަތުރުވެރިން އަންނަ އަދަދުގެ ތަފާސްހިސާބުތަކެއް ހާމަކުރައްވައިފައެވެ. އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:
- 2019: އެވަރެޖްކޮށް ދުވާލަކު 4،582 ފަތުރުވެރިން
- މި އަހަރު: އެވަރެޖްކޮށް ދުވާލަކު 4،372 ފަތުރުވެރިން
އެ ޕްރެޒެންޓޭޝަންގައި ހުރި ބައެއް ނުކުތާތަކަށް އަލި އަޅުވާލައްވަމުން މިނިސްޓަރު ލަފާކުރެއްވި ގޮތުގައި، އަންނަ އަހަރު، ކޮވިޑް-19 ގެ ކުރިން ފަތުރުވެރިން އައި މިންވަރަށް، ނުވަތަ އެއަށް ވުރެ އިތުރަށް ފަތުރުވެރިން ރާއްޖެ އަށް އަންނަން ފަށާނެއެވެ. އަދި މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް އައިސްފައި ވާއިރު، މި އަހަރުގެ ތެރޭގައި 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އޭގެ ތެރެއިން މިހާރު ގާތްގަނޑަކަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފަވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް އަޅުގަނޑުމެން [މި އަހަރުގެ] ބަޖެޓުގަ ހިމެނިފަ އިން 1.6 މިލިއަން ފަތުރުވެރިން، އެ ޓާގެޓު އަޅުގަނޑުމެންނަށް ހާސިލްކުރެވޭނެ ކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ބެޑްނައިޓްސް އަށް އަލި އަޅުވާލައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އަހަރު ނިމިގެން ދާއިރު 11.87 މިލިއަން ބެޑްނައިޓްސް ހާސިލްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ 2019 އަށް ވުރެ 1.08 މިލިއަން، އަދި މިދިޔަ އަހަރަށް ވުރެ 1.8 މިލިއަން އިތުރު އަދަދެކެވެ. ނަމަވެސް ބެސްޓް ކޭސްގަ އެ އަދަދު 12.77 މިލިއަނަށް އަރާނެ ކަމަށް ވެސް މިނިސްޓަރު ލަފާކުރެއްވިއެވެ.
މީގެ ހަފްތާ އެއް ކުރިން ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އަށް 1.2 މިލިއަން ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައި ވަނީ 878،317 ފަތުރުވެރިންނެވެ. ސަރުކާރުން އަމާޒުކޮށްފައި ވަނީ މި އަހަރު ރާއްޖެ އަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. ބެސްޓް ކޭސްގައި ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ.