ބޮޑެތި އިންތިހާބުތަކަށް އަހުލުވެރިކުރުވުމަށްޓަކައި އިލެކްޓްރޯނިކް ވޯޓިން، ނުވަތަ އީވޯޓިން ސިސްޓަމް ކުދި ބައި އިލެކްޝަންތަކަށް ތައާރަފްކުރުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ، އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ހުށަހަޅުއްވާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ވަހީދު ވިދާޅުވީ، ބައި އިލެކްޝަންތައް މާ ގިނައިން ބޭއްވުމުން ހަރަދު ބޮޑުވާ ވާހަކަ ދައްކާއިރު، އެ އިންތިހާބުތަކުގެ ސަބަބުން ގިނަ ފައިދާތަކެއް ވާނެ ކަން ދަންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުތަކުގެ ސަބަބުން:

  • ސަރުކާރު ޖަވާބުދާރީ ކުރެވޭ
  • އެ ވަގުތު ސަރުކާރުގައި ތިއްބެވި ވެރިން އާންމުންގެ ތާއީދުގެ މަތީގައި ދެމިތިބުމަށް ބާރަކަށްވޭ
  • ރަށްރަށުގެ ރައްޔިތުންނާއި ވެރިކަމާ އޮންނަ ގުޅުން ވަކި ހިސާބެއްގަ ހިފެހެއްޓެން މަގުފަހިވޭ

ނަމަވެސް އިންތިހާބުތައް ގިނައިން ބޭއްވުމުގެ ސަބަބުން ނުރަނގަޅު ނަތީޖާތައް ނުކުންނާނެ ކަމުގައި ވަހީދު ވިދާޅުވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި ނުކުތާ އަކީ ކައުންސިލަރަކު، ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއެއްގެ މެންބަރަކު، ނުވަތަ ކައުންސިލަރުންނާއި މެންބަރުންތަކެއް އިސްތިއުފާ ދެއްވުމުން ބައި އިލެކްޝަނެއް ނުބޭއްވި ގިނަދުވަސްތަކެއް ފާއިތުވާން ވެއްޖެ ކަމުގައިވާ ނަމަ އެކަމުގެ ސަބަބުން ނުކުންނާނެ ނުރަނގަޅު ނަތީޖާއެވެ.

"އެކަހަލަ ބައިވަރު ސަބަބުތަކަށްޓަކައި އަޅުގަނޑަށް ހީވަނީ މި ކަމުގައި އަޅުގަނޑުމެންނަށް އަދި މިނޫން ގޮތަކަށް މިކަން ހައްލުކުރެވޭނެ ގޮތެއް އޮތްތޯ ބަލާލުން އެއީ ބޭނުންތެރި ކަމެކޭ. މުޅި އޮނިގަނޑުގެ ތެރެއިން އަޅުގަނޑުމެންނަށް އޭގެ ހައްލުތަކެއް ގެނެވިދާނެ."
މުހައްމަދު ވަހީދު | އުނގޫފާރު ދާއިރާގެ މެންބަރު

އެއާއެކު، ވަހީދު ދެއްކެވީ އީވޯޓިންގެ ވާހަކައެވެ. ގައުމީ ފެންވަރުގެ ބޮޑެތި އިންތިހާބުތަކުގައި އީވޯޓިން އަށް ދިއުމުން ދިމާވާ ދެ މައްސަލަ އެއް އޭނާ ފާހަގަކުރެއްވިއެވެ. އެ ދެ މައްސަލައަކީ:

  • އިތުބާރުގެ މައްސަލަ
  • އަހުލުވެރި ނުވުމުގެ މައްސަލަ

ނަމަވެސް އީވޯޓިން ނިޒާމަށް ދިއުމަށްޓަކައި، އަދި އިތުބާރު ހޯދުމަށްޓަކައި އީވޯޓިން އަށް ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

"ވަކިވަކި ރަށްރަށުގަ މި ބޭއްވޭ، މިކަހަލަ އިންތިހާބުތައް (ބައި އިލެކްޝަންތައް) އަޖުމަ ބެލުމަށްޓަކައި ނުވަތަ އޭގެ (އީވޯޓިންގެ) އިތުބާރު ހޯދުމަށްޓަކައި ނުވަތަ [އެއަށް] އަހުލުވެރި ކުރުމަށްޓަކައި އީވޯޓިން އަށް ދިއުން އެއީ ވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް." ވަހީދު ވިދާޅުވިއެވެ.

"އެކަން ކުރެވިއްޖެ ކަމުގަ ވާނަމަ ޕްރިންޓު ކުރުމަށާއި، އަދި ލޮޖިސްޓިކްސް އަށް، އިންތިހާބުތަކުގައި މި ހޭދަވާ ހަރަދުގެ ވަރަށް ބޮޑު މިންވަރެއް އަޅުގަނޑުމެންނަށް ސަލާމަތްކުރެވޭނެ. ހަމަ އެއާ އެކީގަ ގައުމީ އިންތިހާބުތަކުގަ އީވޯޓިން އަށް ދެވިދާނެ ކަމާއި އެ ކަމުގެ އިތުބާރު އަޅުގަނޑުމެންނަށް ކުރިއަށް އޮތް ތަނުގަ ހިފެހެއްޓުމަށްޓަކައި ވެސް ރަނގަޅު މަގަކަށް އެކަން ވެގެން ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން."
މުހައްމަދު ވަހީދު | އުނގޫފާރު ދާއިރާގެ މެންބަރު

އެހެންކަމުން އީވޯޓިން އާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ވަހީދު ވަނީ ގޮވާލައްވައިފައެވެ.

ހަމަ އެއާއެކު، ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ހުސްވާ ގޮނޑިތަކަށް ގޮތެއް ނުނިންމި ގިނަ ދުވަސް ވެގެން ދާ ނަމަ، އެކަމުގެ ސަބަބުން ނުރަނގަޅު ނަތީޖާތައް ނުކުތުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.