ނުވައިދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާ އުރްމިލާ މަޓޮންޑްކަރް، ހަތަރު އަހަރު ފަހުން ސްކްރީނުން ފެންނަން ތައްޔާރު ވެއްޖެއެވެ.
ބަތަލާ އުރްމިލާ އެންމެ ފަހުން ފެނިގެންދިޔައީ 2018 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބްލެކް މެއިލް" އިންނެވެ. އޭގެ ފަހުން ޖެހިގެން އައި އަހަރު ސިޔާސީ ދާއިރާ އަށް ވަތް އުރްމިލާ ސިޔާސީ ދާއިރާގައި ލިބުނު ނާކާމިޔާބީގެ ސަބަބުން އެކްޓު ނުކޮށް ދުވަސްކޮޅަކު މަޑުކުރިއެވެ. ނަމަވެސް އަލުން އެނބުރި އުރްމިލާ ކެމެރާގެ ކުރިމަތިން ފެންނަން ތައްޔާރުވަމުން އަންނައިރު އޭނާ ފެނިގެންދާނީ ވެބް ސީރީޒް އަކުންނެވެ.
ދެމައިންގެ ވަރުގަދަ ވާހަކައެއް ކިޔައިދޭ ސީރީޒް "ތިވާރީ" އަކީ އެކްޝަން ތްރިލާއެކެވެ. މި ސީރީޒް އާއި ގުޅޭގޮތުން އުރްމިލާ ބުނީ ސީރީޒްގައި އޭނާއަށް ކުޅެން ލިބުނު ކެރެކްޓާ އަކީ ވަރަށް ޗެލެންޖިން ތޯލެއް ކަމަށާއި ވާހަކައިން އޭނާއަށް އެންމެ ކަމުދިޔައީ މަންމަ އާއި ދަރިއެއްގެ ވާހަކައަކަށް ވުމުން ކަމަށެވެ. ހުރިހާ އިހުސާސެއް އެކުލިވިގެންވާ މި ސީރީޒްގައި ޑްރާމާ އިން ފެށިގެން އެކްޝަން ގިނަ ރޯލުތަކެއް ވެސް ފެނިގެންދާނެ ކަމަށާއި ޝޫޓިން ފެށުމަށް މިހާރު ކެތްމަދުވެފައި ހުރި ކަމަށްވެސް އުރްމިލާ ވަނީ ބުނެފައެވެ.
.ބަތަލާ އުރްމިލާ އާއެކު ސީރީޒްގެ ޕޯސްޓަރެއްވެސް ވަނީ މިހާރު އާންމުކޮށްފައެވެ. ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް ފަށާފައިވާ މި ސީރީޒް އާންމުންނާ ހަމައަށް އަންނާނީ އަންނަ އަހަރުގައެވެ. ބަތަލާ އުރްމިލާ ކުޅުނު ބައެއް މަގްބޫލު ފިލްމުތަކުގެ ތެރޭގައި "ރަންގީލާ"، "އޭކް ހަސީނާ ތީ"، :ހުބްސޫރަތު" އަދި "ގަޔާމް" ހިމެނެއެވެ.