ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކެޓްރީނާ ކެއިފްގެ ކުރިއަށް އޮތް ފިލްމު "ފޯނު ބޫތު"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.
އާންމުންގެ ބޮޑު ތަރުހީބެއް މި ޓްރެއިލާއަށް ލިބެމުން އަންނައިރު ޓްރެއިލާ އަށް މިހާތަނަށް ވަނީ 7.8 މިލިއަން ވިއުސް ލިބިފައެވެ. 2018 ވަނަ އަހަރު "ދަޅަކް" އިން ބޮލީވުޑަށް ތައާރަފްވި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި 2019 ވަނަ އަހަރު ނުކުތް ފިލްމު "ގަލީ ބޯއީ" އިން ބޮލީވުޑަށް ނުކުތް ސިދާންތު ޗަކުރަވޭދީ ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި ޖެކީ ޝްރޮފްވެސް ހަރަކާތްތެރިވާނެއެވެ.
ޓްރެއިލާ އިން ފެނިގެންދަނީ ޖިންނިން ފެނުމުގެ ބާރު ލިބިފައިވާ ދެ ޒުވާނުން ބިޒްނަސް އެއް ފެށުމަށް ޖިންނިއެއްގެ އެހީތެރިކަން ހޯދައިގެން މަސައްކަތްކުރަމުން އަންނަ ތަނެވެ. އަދި އެ މަސައްކަތް ކުރިއަށް ގޮސްފައި ވަނި ކޮށް ނުބައި މީހެއްގެ އަތްދަށުވެ ކަންތައްތައް ވެގެންދާ ގޮތް ފިލްމުން ފެނިގެންދާނެއެވެ.
ގުމްރީތު ސިންހް ޑައިރެކްޓްކުރާ މި ފިލްމަކީ އެކްސެލް އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. ފޯނު ބޫތަކީ ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމަކީ ކެޓުރީނާ އާއި އިޝާން އަދި ސިދާންތު އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ބަތަލާ ކެޓްރީނާ އެންމެފަހުން ފެނިގެންދިޔައީ ކުޅަދާނަ އެކްޓަރު އަކްޝޭ ކުމާރު އާއެކު "ސޫރިޔަވަންޝީ" އިންނެވެ. ސިދާންތު އެންމެ ފަހުން ފެނިގެންދިޔައީ ދީޕިކާ ޕަޑުކޯން އާއެކު "ގެހެރިޔާން" އިންނެވެ. އަދި އިޝާން ފެނިގެންދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަނަންޔާ ޕާންޑޭ އާއެކު "ކާލީ ޕީލީ" އިންނެވެ.