ބޮލީވުޑްގެ މަޝްހޫރު ފިލްމު މޭކަރު ކަރަން ޖޯހަރު އޭނާގެ ޓްވިޓާ އަށް އަލްވަދާއު ކިޔާފިއެވެ.
ކަރަން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ޓްވިޓާ ބޭނުންކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި އެއީ ޕޮޒިޓިވް ވައިބެއް އުފައްދަން ކަމަށެވެ. އެ ޓްވީޓްކޮށް މާގިނަ އިރުތަކެއް ނުވަނީސް އޭނާ ވަނީ އޭނާގެ އެކައުންޓް ޑީއެކްޓިވޭޓް ކޮށްލާފައެވެ. ކަރަން އަކީ ބޮލީވުޑްގައި އެންމެ ފާޑުކިޔާ ފަންނާނުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. ބޮލީވުޑްގައި އޭނާ އަށް ނޭނގޭ ކަމެއް ނޯންނާނެ ކަމަށާއި އޭނާ އަކީ ނެޕޮޓިޒަމްގެ ބޮޑެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ސްޓާ ތަރިން ކުރިއަރުވަން މަސައްކަތްކޮށް އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާއަށް ނުކުންނަ ތަރިންނާ މެދު އެހާ ބޮޑު ސަމާލުކަމެއް ނުދޭ ކަރަން އަކީ ގިނައިން ފިލްމީ އާއިލާ އަށް ނިސްބަތްވާ ދަރިން ޕްރޮމޯޓް ކުރުމަށް އަރާ ހުރި މީހެއްކަން އެންމެންވެސް ދަނެއެވެ. ނިމިދިޔަ ކޮފީ ވިތު ކަރަން ސީޒަނުގައި ކަރަން ބުނީ މީގެ ކުރިން އޭނާ އަށް އެންޒައިޓީ މައްސަލަތަކެއް ދިމާވިކަމަށާއި އަދި އެކަމަށް ބޭސްވެސްކުރި ކަމަށެވެ.
މީހުން އޭނާ އަށް ފާޑުކިޔުމުގެ ސަބަބުން މެންޓަލް ހެލްތުގެ ބައި ވަރަށް ބޮޑަށް ދަށްވި ކަމަށާއި ނަމަވެސް މިހާރު މަޑުމަޑުން އެކަން ރަނގަޅުވަމުން އަންނަ ކަމަށްވެސް ކަރަން ބުންޏެވެ. ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަން އިން އެންމެ ފަހުން ނެރުނު ފިލްމު "ބުރައްމަސްތުރާ" ފްލޮޕަކަށް ހެދުމަށް އިންޑަސްޓްރީ ތެރެއިން ބައެއް މީހުން މަސައްކަތްކުރި ކަމަށާއި އެކަމާ ގުޅިގެންވެސް އޭނާގެ މެންޓަލް ހެލްތުގެ ބައި ދަށްވި ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެއާ ހިލާފަށް އެ ފިލްމުވެފައި ވަނީ މިއަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމަށެވެ.
ކަރަން ވަނީ އާންމުންނާ ހަމައަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައެވެ. އޭގެ ތެރޭގައި ""ކަބި ހުޝީ ކަބި ގަމް"، "ރާޒީ"، "ދޯސްތާނާ"، "ކަބި އަލްވިދަނާ ކެހެނާ" އަދި "ކަލް ހޯ ނަ ހޯ" ހިމެނެއެވެ.