ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން އަށް އޭނާގެ ހަގު ދަރިފުޅު ގޮވައިގެން ލަންޑަނަށް ފުރައިފިއެވެ.
ހަގު ދަރިފުޅު ޖެހެންގަރު އަލީ ޚާން (ޖޭ) ގޮވައިގެން ލަންޑަނަށް ދިޔައީ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާން އޭނާގެ ބައްޕަ ގާތު ބަހައްޓާފައެވެ. ޑައިރެކްޓަރު ހެންސަލް މެހެތާގެ ކްރައިމް ތްރިލާ ގެ ޝޫޓިން މިހާރު ފަށާފައިވާއިރު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ އޭނާ އެންމެ އިސްކަމެއް ދެނީ އާއިލާ އާއި ދަރިންނާއި އޭނާގެ ފިރިމީހާ އަށް ކަމަށެވެ. އެމީހުންނަކީ އޭނާގެ މުޅި ދިރިއުޅުން ކަމަށާއި ދެދަރިން ހުންނައިރު ކޮންމެވެސް އެކަކު ދަރިން ގާތު މަޑުކުރާ ކަމަށެވެ.
"ދާދިފަހުން ސައިފް އެ ނިންމާލީ އަދިޕުރުޝްގެ ޝޫޓިން. މިހާރު މިއޮތީ އަހަރެން މަސައްކަތް ކުރާ ވަގުތު އައިސް. އެކަކު މަސައްކަތް ނިންމީމަ އަނެކަކު މަސައްކަތްކުރާނީ. އޭރަށް ދަރިން ގާތު ކޮންމެވެސް އެކަކަށް މަޑުކުރެވޭނީ،"
ބަތަލާ ބުނީ ދަރިން ލިބުމުން އެންމެ އިސްކަންދެނީ ދަރިންނަށް ކަމަށާއި އެއަށްފަހު އިސްކަންދެނީ ކުރާ މަސައްކަތަށް ކަމަށެވެ. ދަރިންނާއި ދުރުގައި ވަގުތު ހޭދަކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ފިރިމީހާ ސައިފް އަލީ ހާން އާއެކު ޝެޑިއުލް ބަހާލައިގެން މަސައްކަތް ކުރަނީ ކަމަށެވެ. ބަތަލާ ކަރީނާ އަކީ ބޮލީވުޑްގައި ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ތަރިއެކެވެ. އޭނާ އަކީ ކުރީގެ އެކްޓަރު ރަންދީރު ކަޕޫރުގެ ދަރިފުޅެވެ.
ވިއްސަކަށް އަހަރު ދުވަސްވަންދެން އިންޑަސްޓްރީގައި މަސައްކަތްކޮށްފައިވާ ކަރީނާ ވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންނާއެކު މަސައްކަތްކޮށްފައެވެ. އަދި ބޮލީވުޑްގެ އެންމެ މަގްބޫލު ފިލްމުތަކުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ކަބީ ހުޝީ ކަބީ ގަމް"، "3 އީޓިއަޓްސް"، "ރާވަން" އަދި "ޖަބް ވީ މެޓް" ހިމެނެއެވެ. ބަތަލާ އެންމެ ފަހުން ފެނިގެންދިޔައީ އެކްޓަރު އާމިރު ހާން އާއެކު "ލާލް ސިންހް ޗައްޑާ" އިންނެވެ.