އަންނަ އަހަރު ބާއްވާ 95 ވަނަ އޮސްކާ އެވޯޑަށް ފިލްމު "އާރްއާރްއާރް" ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމުގެ މަގާމު "އާރްއާރްއާރް" އަށް ނުލިބުނަސް ވަކި ވަކި ކެޓަގަރީތަކުން މި ފިލްމު ވާދަކުރާނެއެވެ. އެގޮތުން އެންމެ މޮޅު އެކްޓަރު، އެންމެ މޮޅު ސަޕޯޓިން އެކްޓަރު، އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ވީއެފްއެކްސް ކެޓަގަރީ އަށް މި ފިލްމުގެ ތަރިން ވާދަކުރާނެއެވެ. އެ ތަރިންނަކީ އެސްއެސް ރާޖަމޯލީ، ރާމް ޗަރަން، އެންޓީއާރް ޖޫނިއާ، އަޖޭ ދޭވްގަން އަދި އާލިއާ ބަޓްއެވެ. މި ކެޓަގަރީތަކަކީ މިހާތަނަށް އާންމުކޮށްފައިވާ ކެޓަގަރީތަކެވެ. މީގެ އިތުރުން ވެސް އިތުރު ކެޓަގަރީތަކަށް މި ފިލްމުގެ ތަރިން ވާދަކުރާނެއެވެ.

ޖުމްލަ 14 ކެޓަގަރީ އަކުން މި ފިލްމު ވާދަކުރަން ހަމަޖެހިފައިވާއިރު ފިލްމުގެ ޓީމުން ބުނީ މި ކެޓަގަރީތަކަށް ނަން ފޮނުވަން ހުށައެޅުމަށް މަގުފަހިކޮށް ދިން ހުރިހާ އެންމެންނަށް ޝުކުރުއަދާކުރާކަމަށެވެ. އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން ފެނިގެންދިޔައިރު އާލިއާ ބަޓް ވެސް މި ފިލްމުން ފެނިގެންދިޔައީ ސަޕޯޓިން ރޯލަކުންނެވެ. ފިލްމުގައި އާލިއާ ކުޅުނީ ސީތާ ކިޔާ ކެރެކްޓާއެކެވެ.

ޖުމްލަ 5.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ 415 ކުރޯޑުގެ އާމްދަނީ އެއް ލިބުނެވެ. މި ފިލްމު ނެޓްފްލިކްސް އިން މިހާރު ބަލައިލެވޭނެއެވެ.

އޮސްކާ އެވޯޑްސްގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން މިހަރު ފޮނުވާ ފިލްމަކީ ގުޖުރާތީ ފިލްމު "ލާސްޓް ފިލްމު ޝޯ" އެވެ.