ބޮލީވުޑްގެ ކުޅަދާނަ ތަރިން ކަމަށްވާ ސާރާ އަލީ ޚާން އާއި ވަރުން ދަވަން އަނެއްކާ ވެސް އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެއެވެ.
ކާމިޔާބު އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ދަރިފުޅު ސާރާ އާއި ވަރުން ވަނީ މީގެ ކުރިން އެކުގައި ފިލްމެއް ކުޅެފައެވެ. އެ ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކޮށް ގެނެސްދިން "ކޫލީ ނަންބަރު 1" އެވެ. އެ ފިލްމަށް އާންމުންގެ އެހާ ބޮޑު ތަރުހީބެއް ލިބިފައެއްނުވެއެވެ.
މި ފަހަރު މި ދެތަރިން އެއްކޮށް ފެނިގެންދާނީ "އޭ ވަތަން…މޭރޭ ވަތަން" ކިޔާ ފިލްމަކުންނެވެ. މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ. އެމެޒޯން ޕްރައިމް އާއި ގުޅިގެން މި ފިލްމު ގެންނައިރު ފިލްމުގެ ޑައިރެކްޓަރަކީ ކަންނާން އައްޔަރު އެވެ. އިންޑިއާ އަށް މިނިވަންކަން ލިބުނު ގޮތަށް އަލި އަޅުުވާލައިގެން ގެނެސްދޭ މި ފިލްމު ބޮޑަށް އަލިއަޅުވާލާނީ 1942 ގައި ފެށުނު "ކުއިޓް އިންޑިއާ މޫވްމަންޓް" އަށެވެ. އިންޑިއާ މިނިވަންވީ 1947 ވަނަ އަހަރުގައެވެ. މި ފިލްމު ރިލީޒްކުރާނީ އެމެޒޯން ޕްރައިމްގައެވެ.
ތްރިލާ ޖޯންރާ އަށް ގެނެސްދޭ މި ފިލްމަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާ ވެގެން ހަދާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރު ކަރަން ބުނީ ދަރްމާ ފިލްމަކަށް ސާރާ ހިމެނުންވީ ލިބުނު ވަރަށް ބޮޑު އުފަލަކަށް ކަމަށާއި ވަރުގަދަ އެކްޓިންނަކާ އެކު ސާރާ މި ފިލްމުން ފެނިގެންދާނެ ކަމަށެވެ.
ބަތަލާ ސާރާ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ނުކުތް ފިލްމު "ކެދާނަތު" އިން އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އާއެކުގައެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އެމެޒޯން ޕްރައިމްގައި ރިލީޒްކުރި "އަތުރަންގީ ރޭ" އިންނެވެ. އެކްޓަރު ވަރުން އެންމެ ފަހުން ފެނިގެންދިޔައީ އަނިލް ކަޕޫރު، ކިއާރާ އަދުވާނީ އަދި ނީތޫ ކަޕޫރު އާއެކު "ޖުގް ޖުގް ޖިއޯ" އިންނެވެ.