އިންޑިއާގެ ބިހާރަށް ނިސްބަތްވާ މަނީޝްކުމާރު ޖެއިން އަށް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަސްވީ އެހެން ދުވަސްތަކެކޭ އެއްގޮތަށް އާދައިގެ ދުވަހަކަށެވެ. އެމީހުން ދިރިއުޅޭ ސޮސައިޓީ އިން އިސްނަގައިގެން އެ ސަރަހައްދުގައި "ގަރްބާ ނައިޓް" އެއް ބާއްވަން އުޅޭތީ މަނީޝްކުމާރު އުޅުނީ އެ އިވެންޓު ކަންތައްތަކާ ހެދި ހޭބޯނާރައެވެ.

އެރޭ ގަރްބާ ނައިޓްގައި އޭނާ ނަށަން ހުއްޓާ މެޔަށް އެރީ ކުއްލި ތަދެކެވެ. އެ ތަދަށް ފަހު އޭނާ އަށް ދުނިޔެ ވަށައިގެން އެނބުރޭހެން އިހުސާސްވިއެވެ. މާ ގަދައަށް ނެށުނީ ކަމަށް ނިންމާ ވަގުތުން އަރާމުކުރުމަށް މަނީޝްކުމާރު ގެއަށް ދިޔައެވެ. ގެއަށް ދިޔަތާ މާ އިރުތަކެއް ނުވަނީސް އޭނާ އަށް ހޮޑުލެވެން ފެށުނީއެވެ. އެ މަންޒަރު ފެނިފައި އޭނާގެ ބައްޕަ އާއި ބޭބެ ބޭނުންވީ އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ.

ކުރުނުކުރުމުން މަނީޝްކުމާރުވެސް އެމީހުންނާއެކު ހޮސްޕިޓަލަށް ދިޔުމަށް އެއްބަސްވިއެވެ. ނޭވާލާން އުނދަގޫ ތަކެއް ވަމުންދާތީ އާއެކުގައެވެ. އޮޓޯގައި ހޮސްޕިޓަލަށް ދެވުމާއެކު މަނީޝްކުމާރު ގޮވައިގެން ހޮސްޕިޓަލަށް ވަނީ އޭނާގެ ބޭބެއެވެ. ބައްޕަ ހުރީ އޮޓޯ މީހާ އަށް ލާރިދޭށެވެ. ހޮސްޕިޓަލުގެ އެމެޖެންސީ ރޫމާ ހަމައަށް ނުދެވެނީސް މަނީޝްކުމާރުގެ ހާލުދެރަވެގެން ހޮސްޕިޓަލު މެދަށް ވެއްޓުނެވެ. އެއާއެކު އޭނާގެ ބޭބެއަށް ވަގުތުން ބޭއިހްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.

އެ އަޑުއިވުމާއެކު ބައްޕަ ކުއްލިއަކަށް ސިއްސައިގެން ގޮސް ހޮސްޕިޓަލާ ދިމާއަށް ބަލާލިއެވެ. ފެނުނީ އޭނާގެ ދަރިފުޅު ވެއްޓިފައި އޮތްތަނެވެ. އެތަން ފެނިގެން ބައްޕަ އަށް ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލް ބޭރަށް ވެއްޓުނެވެ. ވަގުތުން ފަރުވާކުރުމަށް ހޮސްޕިޓަލަށް ވެއްދި ނަމަވެސް އޭރު ބައްޕަ ވަނީ މަރުވެފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން މަނީޝްކުމާރުވެސް ވަނީ މަރުވެފައެވެ.