ސްޓާޕްލަސް ގެ އެންމެ ދުވަސްވީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ފޭނުން މިހާރު ތިބެން ޖެހެނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެޕިސޯޑެއްގައި ލައްކަ ގިނަ ކަންތައްތަކެއް ވަމުންދާތީއެވެ.

މި ޑްރާމާގެ ލީޑު ކެރެކްޓަރުންނަކީ އަކްޝަރާ ގޮއެންކާ، އަބިމަންޔޫ ބިރްލާ، ނީލް އަދި އަރޫހީއެވެ. އަރޫހީ އާއި އަކްޝަރާ އަކީ އެއްބަފާ ދެމީހުންނެވެ. ނީލް އާއި އަބީމަންޔޫ އާ ދެމީހުންވެސްމެއެވެ. ޑްރާމާގެ ފަހު އެޕިސޯޑުގައި އަބިމަންޔޫ ވަނީ އަކްޝަރާ ވަރިކުރަން ނިންމާ ވަރި ފޯމު އަކްޝަރާ އަތަށް ހަވާލުކޮށްފައެވެ. އެހާ ލޯބިން މައްސަލަ ނުޖެހި އޮތުމަށްފަހު ދިމާވި ބޮޑު ކަންތައްތަކެއްގެ ސަބަބުން އަބިމަންޔޫ ހުރީ އަކްޝަރާ ދެކެ މުޅިން މާޔޫސްވެފައެވެ. އަކްޝަރާގެ ބޭބެ ކައިރަވް، އަބިމަންޔޫގެ ކޮއްކޮ އަނީޝާ މަރާލި ކަމަށް ބިރްލާ އާއިލާ އިން ތުހުމަތު ކުރާއިރު އަކްޝަރާ ހުރީ އެކަން ގަބޫލުކުރާ ގޮތަކަށް ނޫނެވެ.

ބުރަ މަސައްކަތުން ބޭބެ ޖަލުން ސަލާމަތް ކުރަން އޭނާ ހެކި ހޯދައިގެން އަބިމަންޔޫ އަށް ހެކި ދޭން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ދެމީހުންނަށްވެސް ދެމީހުންގެ ދެމެދުގައި ހުރި ޝަކުވާތަކާ މެދު ވާހަކަ ދައްކާނެ ޖާގައެއް ނުދީ އަބިމަންޔޫ ވަރި ފޯމު އަކްޝަރާ އަތަށް ދިނުމުން އޭނާ އޭގައި ސޮއިކުރެއެވެ. އަދި ދެމީހުންވެސް އެކަކު އަނެކަކު ގެ ސާމާނުތައް ރައްދުކުރެއެވެ. އަކްޝަރާގެ ބުރަ މަސައްކަތުން ބޭބެ ކައިރަވް ޖަލުން ބެއިލްގައި މިނިވަން ކުރެއެވެ. އަދި އަބިމަންޔޫގެ ސަބަބުން ބިރްލާ ހޮސްޕިޓަލް ބޮޑު ކަންތައްގަނޑަކުން ސަލާމަތްވެއެވެ.

ރޭގެ އެޕިސޯޑު ނިމިގެން ދިޔައީ އަކްޝަރާއަށް އަންނަ ފޯނު ކޯލަކުންނެވެ. އެ ކޯލަކީ އާއިލީ ލޯޔަރުގެ ކޯލެކެވެ. އަބީމަންޔޫ އާއި އަކްޝަރާގެ ކައިވެނި އަބަދުގެ އަބަދަށް ނިންމާލުމަށް ކޯޓަށް ދާންޖެހޭ ހިސާބުންނެވެ. އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާ މި ދެމީހުން ވަރިވާން ހިތް ދެކޮޅު ހެދިނަމަވެސް ބައިވަރު ޝަކުވާތަކާއި ހިތްނުތަނަސް ކަމާއެކު ވެސް ދެމީހުން ވަރިވާން ނިންމައެވެ.

ދެފަރާތުގެ އާއިލާ ވެސް އަނީޝާގެ މަރުގެ މައްސަލަ އާ ހެދި ވަރަށް ބޮޑަށް މައްސަލަ ޖެހިފައި އޮތް ދަނޑިވަޅެއްގައި ދެ އާއިލާއިން ވެސް އުފަންވަނީ އާ ލޯބިވެރިއެއްގެ ޖޯޑެކެވެ. އެއީ އަރޫހީ އާއި ނީލް އެވެ. ސުވާލަކީ ދެފަރާތުގެ އާއިލާ އެހާ ޒާތީވެފައި އޮތް ދަނޑިވަޅެއްގައި އަރޫހީ އާއި ނީލްގެ ލޯބި ފުރިހަމަވާނެ ކަމާމެދުއެވެ. އަދި އަކްޝަރާ އާއި އަބިމަންޔޫ ވަރިވާނެ ކަމާމެދު ގިނަ ބަޔަކު ޝައްކުކުރެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުގައި ދެމީހުން ވަރިވެ ދެމީހުން ކެރިއަރަށް ފޯކަސް ކުރާނެއެވެ. އަދި ފަހުން އަބިމަންޔޫ އަށް އަކްޝަރާގެ ހަގީގަތް އެނގި އެނބުރި އޭނާ ގާތަށް ދާނެއެވެ.