ބޮލީވުޑްގެ ކާމިޔާބު ދެތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އިއްޔެ ކައިވެނިކޮށްފިއެވެ.

މި ދެތަރިން ކައިވެނިކޮށްފައި ވަނީ ކޮވިޑާ ހެދި ދެމީހުންގެ ކައިވެނި ދެ އަހަރުގެ މުއްދަތަކަށް ފަސްކުރުމަށް ފަހުއެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރު ފަހުން ރިޗާ އާއި ފަޒަލް ކައިވެނި ކުރީ އިއްޔެ މުމްބާއީގައެވެ. ދެތަރިންގެ ކައިވެނި ފޮޓޯތައް ވެސް މިހާރު ވަނީ ދެމީހުންގެ ސޯޝަލް މީޑިއާ ގައި ހިއްސާކޮށްފައެވެ. ކައިވެނީގެ ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން ރިޗާ ބުނީ އޭނާ އަށް ފަޒަލް ހާސިލްވެއްޖެ ކަމަށެވެ.

މިދެތަރިން ކައިވެނިކުރުމާއެކު ބޮލީވުޑްގެ ގިނަ ތަރިންނާއި ދެމީހުންގެ ފޭނުން އަންނަނީ ދެމަފިރިންނަށް މަރުހަބާ ކިޔަމުންނެވެ. ދެމީހުންގެ ކައިވެނި ހަފްލާ ރޭ މުމްބާއީގައި ބޭއްވިއިރު އެ ހަފްލާ އަށް ބޮލީވުޑްގެ ގިނަ ތަރިން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރިތިކް ރޯޝަން، ވިކީ ކޯޝަލް، ޕުލްކިތު ސަމްރަތު، ކަރަން ޖޯހަރު، ތާޕްސީ ޕަންނޫ އަދި އަޔުޝްމަން ކުރާނާ ހިމެނެއެވެ.

މިދެތަރިންގެ ކައިވެންޏަކީ ފޭނުން ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހުނު ކައިވެންޏެއް ވެސް މެއެވެ. ދެތަރިން އެންމެ ފުރަތަމަ ކައިވެނިކުރަން ނިންމީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގައެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގައި އިންޑިއާ އެއްކޮށް ލޮކްޑައުން ކުރުމާއެކު އެކައިވެނި ކުރުމަށް ހުރަސްއެޅުނެވެ. ވަކި ތާރީހެއް ނެތް ގޮތަށް ކައިވެނި ފަސްކޮށް އަނެއްކާވެސް ފޭނުންގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދިނީ އެ ކައިވެނި މިދިޔަ އަހަރު ކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އެ ހުވަފެން ވީ ބިލާހަކަށެވެ.

ރިޗާ އާއި ފަޒަލް ވަނީ 2018 ވަނަ އަހަރު އެންގޭޖް ވެފައެވެ. ފަޒަލް، ރިޗާ އަށް ޕްރޮޕޯސް ކުރީ ވެސް ރާއްޖޭގެ ރިސޯޓެއްގައެވެ. މިދެތަރިން މީގެ ކުރިން ކައިވެންޏެއް ކޮށްފައެއްނުވެ އެވެ. ފަޒަލްއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ އެކްޓަރެއް ވެސްމެ އެވެ.