ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް މުރާޖައާ ކުރުމަށްފަހު ރައީސް އޮފީހުން ގެޒެޓްކޮށްފިއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބުނާ ގޮތުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަމުން ގެންދަން ޖެހޭނެއެވެ.
އެގޮތުން އެ ލިސްޓް މުރާޖާކޮށް، މިހާރު ވަނީ އާ ލިސްޓެއް ނެރެފައެވެ. އެ ލިސްޓުގައި ކުރިން ނެރެފައިވާ ލިސްޓާ އަޅާ ބަލާއިރު އެއްވެސް ތަފާތެއް ނެތެވެ. ކުރީ ލިސްޓުގައި ވެސް އާންމުކޮށްފައިވާ 19 ޖަމާއަތެއް އާންމު ކުރި މި ލިސްޓުގައި ހިމެނެއެވެ. އޭގެތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް)، އަލްގައިދާ ފަދަ ޖަމާއަތްތައް ހިމެނެއެވެ.
މީގެ އިތުރުން މިފަހަރުގެ ލިސްޓުގައި ވެސް، ދިވެހިން ދަތުރުކުރުން މަނާކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ސީރިއާ ހިމަނާފައިވެއެވެ. އެހެންވުމުން އެއްވެސް ބޭނުމެެއްގައި ސީރިއާ އަށް ދިވެހިން ދަތުރު ކުރުން މަނާ ވާނެއެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައެޅި ލިސްޓް:
- އިސްލާމިކް ސްޓޭޓް (އައިސިލް/ އައިއެސްއައިއެސް/ އައިސިސް)
- އަލް ގައިދާ
- ޖަބްހަތުއް ނުސްރާ (ޖަބްހަހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ޠައިބާ
- އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ
- އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބްއަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
- ހަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުހައްމަދު
- އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް–ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
- ނޭޝަނަލް ތައުހީދް ޖަމާއަތް
- ޖަމާއަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީރު އަލް ޝާމް
- ހުއްރާސް އައް ދީން
ހަނގުރާމަވެރި ސަރަހައްދުތައް:
- ސީރިޔާގެ ހުރިހާ ސަރަޙައްދެއް
ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމާއި އެހީތެރިވުމަކީ ދިގު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކޮށްފި ނަމަ، އެއީ ވެސް ޖަލު ހުކުމް އަންނަ ކުށެކެވެ.