އުމްރާގެ އަޅުމަށް ސައުދީ އަރަބިއްޔާ އަށްދާ މީހުންނަށް މިހާރު ދެމުން އަންނަ މަސް ދުވަހުގެ ވިސާ އިތުރުކޮށް، ތިން މަހަށް ދޭ ގޮތަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ ސައުދީގެ ހައްޖާއި އުމްރާ މިނިސްޓަރު ޑރ. ތައުފީގު އަލް ރާބިއާ، އުޒުބެކިސްތާނަށް ކުރެއްވި ދެ ދުވަހުގެ ދެ ދަތުރު ނިންމަވާލައްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އުމްރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެއްމަސްދުވަހުގެ ވިސާއެއް ކުރިން ދިން ނަމަވެސް މިހާރު އެއްވެސް ހުރަހެއް ނެތި 3 މަހަށް ވިސާގެ މުއްދަތު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އަދި މި ފުރުސަތު ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް އޮންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، އެ އުސޫލުން ވިސާ ދޫކުރަން ފަށާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ކޮވިޑް-19އާ ގުޅިގެން ސައުދީން ވަނީ ގިނަ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް ސައުދީން މި އަހަރު ވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމަށް ވަރަށް ބޮޑެތި ލުއިތައް ދީފައެވެ.