ގެއްލިގެން ހޯދަމުންދާ ކ. މާލެ، ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު ފެނިފައިވާ ކަމަށެވެ. އަދި އަޒުހާންގެ ކޭސް އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެ ވާހަކަ ކަމަށް ފުލުހުން ބުނެއެވެ.
މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6 ޖަހާއިރުން ފެށިގެން އަޒުހާންގެ ހަބަރެއް ނުވެގެން 19 ވަނަ ދުވަހުގެ ރޭ 7 ޖަހާއިރު އާއިލާއިން ފުލުހަށް ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެހެންކަމުން އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި މި ވަނީ އަޒުހާން ގެއްލިގެން ރިޕޯޓް ކުރިތާ 12 ދުވަސް ފަހުންނެވެ.
އަޒުހާން ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އަޒުހާން ވަނީ ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސްއިން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އަރާފައެވެ. އަދި ފަތިހު 4:53 ހާއިރު އެޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އެނބުރި ގޮސްފައެވެ.
މީގެ އިތުރުން ފުލުހުން އޭރު ހޯދިހޯދުންތަކުން އަޒުހާން އެންމެ ފަހުން ފެނިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށާއި އަޒުހާން ވައިގެ މަގުން ރާއްޖެއިން ބޭރަށް އަދި އަތޮޅު ތެރެއަށް ފުރައިގެން ގޮސްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.