މިދިޔަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ، އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލައިގެ ތަހުގީގު އޮތީ މިހާރު ފަހު މަރުހަލާގައި ކަމަށް ފުލުހުން ބުނެފިއެވެ.
ހ. ޝީރީންވިލާ ގޭގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 4 ވަނަ ދުވަހު ފުލުހުން ބުނެފައި ވަނީ، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ތައްޔާރުވަމުން ދާ ކަމަށް ބުނިތާ މަހެއް ވާން ދާ އިރު، ޝަރީއަތަށް ހުށަހަޅާފައި ނުވާތީ ސުވާލު ކުރުމުން މިއަދު ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. ނަމަވެސް ޕީޖީއަށް އެ މައްސަލަ ހުށަހަޅާނެ ތާރީހެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރީ 22 އަހަރުގެ އަލީ ޝާހިލެވެ. އޭނާ އަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން އޭރު ބުންޏެވެ. އެހެންކަމުން، އޭނާ ޝިއާއު އަށް ހަމަލަދީ މަރާލަން ޖެހުނު ސަބަބެއް ނޭނގެއެވެ.
ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ. ހައްޔަރުކުރި އިރު އިރު އޭނާ ހުރީ މަސްތުގެ ހާލުގައި ކަމަށް ފުލުހުން ބުނެއެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައެވެ.
ފުލުހުން މި މައުލޫމާތު ހާމަ ނުކުރި ނަމަވެސް ޝިއާއުގެ މަރާލާފައިވާ ސީންގެ ބައެއް ފޮޓޯތައް ވަނީ ލީކް ވެފައެވެ. މި ކަމާ ގުޅިގެން ފުލުހުން ބުނީ ލީކްވެފައި ވަނީ ފުލުހުން ތަހުގީގަށް ނަގާފައިވާ ފޮޓޯ ނޫން ކަމަށާއި ކުށުގެ ވެއްޓަށް ވަދެ ފޮޓޯ ނަގައި ލީކް ކުރި މައްސަލަަ ބަލަމުން ދާ ކަމަށެވެ.