ފުލުހަކަށް ބިރު ދައްކައި އިންޒާރު ދިން މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކޮށް، އޭނާ ހައްޔަރުކުރުމުގައި ފުލުހުން ގޯސް ހަދާފައިވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުހައްމަދު އަޒުހާނު އިސްމާއީލް (31އ) ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެެދިފައެވެ.

ފުލުހުން ހެދި ގޯހަކުން އަޒުހާން މިނިވަންވިއިރު އޭނާ ހައްޔަރުކުރި ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި އަމަލު ހިންގި މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.