ބޮޑު ކަންނެލީގެ މަސްވެރިން މިހާތަނަށް ޝަކުވާ އުފުލާފައިވާ ކަންކަމަށް އެދެވޭ ހައްލެއް ނުލިބޭ ކަމަށާއި އެކަންކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަން އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާ އިން ވަނީ މިހާރު ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ދާދި ފަހުން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރި އައިސްޕްލާންޓްތަކާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ގޮތުން ފެނަކަަ ކޯޕަރޭޝަނަކީ ދަރަނިން ސަލާމަތް ނުވެފައިވާ ކުންފުންޏެއް ކަމަށާއި އައިސް ލިބުމުގެ ދަތިކަން އޮތް މި ދަނޑިވަޅުގައި އެ ކުންފުންޏަށް އައިސްޕަލާންޓްތައް ހަވާލު ކުރުމުން އިތުރަށް އައިހުގެ އަގު ބޮޑުވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. ހަމައެއާއެކު ކިޔުގައި ތިބެންޖެހޭ ދުވަސްތައް އިތުރުވާނެ ކަމަށާއި އެ ނިންމުން ބަދަލުކޮށް އަލުން އަނބުރާ މިފްކޯއަށް އައިސްޕަލާންޓްތައް ހަވާލު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ބޮޑުކަންނެލި ޔޫނިއަނުން އެހެން ބުނި އިރު، ފެނަކައާ ހަވާލުކުރި 13 އައިސްޕްލާންޓުގެ ތެރެއިން އޮޕަރޭޝަންގައި ހުރި 11 އައިސްޕްލާންޓާއި އޮޕަރޭޝަންގައި ނެތް 2 ތަން މަރާމާތަށް ފަހު ލަސްނުކޮށް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

އަދި އައިސްޕަލާންޓްތަކުން ހިދުމަތް ދޭ އިރު 24 ގަޑިއިރު މަސްވެރިންނަށް އައިސް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށާއި އަދި ހަަރަދު ކުޑަކޮށް އެ މަސައްކަތް ކުރުމަށް ފެނަކައިގެ ކޭބަލް ނެޓްވޯކާ ގުޅާލަން ނިންމާފައިވާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މިއާއެކު، މިފްކޯގެ އެމްޑީ އިސްމާއީލް ފައުޒީ ވިދާޅުވީ، ތެލަށް އަންނަ ބަދަލާއެކު މިފްކޯއަށް ވަރަށް ބޮޑެތި ގޮންޖެހުންތާ ކުރިމަތިލާން ޖެހޭ ކަމަށާއި ފެނަކައިން ޒަމާނީ އިންޖީނުގެތަކަށް ގެންނަ ބަދަލުތަކާއެކު ފެނަކައިން މާ ރަނގަޅަށް އެކަން ކުރާނެ ކަމަށެވެ.

ދެން އެ ޖަމިއްޔާއިން ފާހަގަ ކުރި އަނެއް މައްސަލައަކީ ތެލުގެ މައްސަލައެވެ. އެ ގޮތުން ދެކުނާއި އުތުރަށް ސަރުކާރުން ކަނޑައަޅާފައިވާ ސަބްސިޑީ ތެޔޮ މާލެ ސަރަހައްދުން ނުލިބޭ މައްސަލައެވެ. މާލެ ސަރަހައްދުން ސަބްސިޑީ ތެޔޮ ނުލިބޭތީ މަސްވެރިން ތެޔޮ އަޅަން ޖެހެނީ އެންމެ ބޮޑު އަގުގައި ކަމަށާއި ތަކުރާރުކޮށް މިިކަން ހައްލުކޮށް ދިނުމަށް އެދުމުން ވެސް ތެޔޮ ގަންނަން ލިބޭ އަގު ދަށް ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔަޔަސް ރާއްޖެއިން ތެލުގެ އަގު ދަށަށް ނުދާ ކަން ވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ބޮޑު ކަންނެލީގެ މަހަށް ހަމައަގު ނުލިބޭ މައްސަލައަކީ ވެސް އެ ޖަމިއްޔާ އިން ފާހަގަ ކޮށްފައިވާ މައްސަލައެކެވެ. އެ ޖަމިއްޔާއިން ބުނީ ކިރިޔާވެސް މަހެއް ބޭނޭ އިރަށް މަހުގެ އަގު ދެކޮޅުނުޖެހޭ ވަރަށް ދަށްކޮށްލާ ކަމަށެވެ. މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ހަމައަގުގެ ވައުދު ފުއްދަން ކަމަށް ބުނެ ސަރުކާރާއި ކަންނެލި ގަންނަ ފަރާތްތަކާ އެކު މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރި ކަމަށާއި ނަމަވެސް އޭގެ ފަހުން މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެދިފައިވާނެ ކަމަށާއި އަދި މިހާތަނަށް މަހުގެ އެންމެ ދަށް އަގު ކަނޑައެޅުމުގައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތައް ހިމެނޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައި ވެއެވެ. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ހުށަހެޅުއްވި މައްސަލައިގައި ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސް ގަންނަ މިންވަރު ހިފަހައްޓައި، މަސްވެރިން ބާނާ މަސް ކިރުވަން އެތައް ދުވަހެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހި، ބާނާ މަހަށް ހަމަ އަގު ނުލިބޭކަމުގެ ވާހަކަ ފާހަގަ ކުރައްވާފައި ވެއެވެ.

މަސްވެރިންގެ ގާނޫނުގައިވާ ގޮތަށް ގޭދޮށު ފެކްޓްރީތަކާއި އައިސް ޕްލާންޓް ފަދަ ތަންތަން އަޅައި މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ނިޔަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް، މިފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.