ސައުދީ އަރަބިއްޔާގެ ރަސްގެފާނު "ކިންގް އަބްދުލް އަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން" މުބާރާތުގައި ބައިވެރިވި ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

ސައުދީގައި އޮތް މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ދަރިވަރުންނަކީ އަހްމަދު ނަބީހް އަބުދުލްގާދިރުއާއި މުހައްމަދު ޔޫޝައު އެވެ. މި ދެ ދަރިވަރުންގެ ތެރެއިން ނަބީހް މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ދެދަރިވަރުންނާއި މި ދެދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ފައިސަލް ވަނީ މި ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއްކަން ފާހަގަކުރައްވައި މި ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތައުރީފާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުނަށް ވީހާވެސް ގިނަ ފުރުސަތުތައް ތަނަވަސްކޮށް ދީ އެހީތެރިވެދިނުމަށް ކަމުގައެވެ. މި ބައްދަކުރެއްވުމުގައި މި ދެދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މިދަރިވަރުންގެ ކަންކަމުގައި ދޭ އެއްބާރުލުމާއި ވެދޭ އެހީތެރިކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ދަރިވަރުންގެ މައިންބަފައިންގެ އިތުރުން މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރާއި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަރުކާރުން މިއަދު މި ދަރިވަރުންނާ ބައްދަލު ކޮށްފައި ވާ އިރު، އެ ދަރިވަރުންގެ ތެރެއިން ފައިނަލަށް ދަތުރުކުރި ނަބީހު ރާއްޖެ އައި އިރު، މާ ބޮނޑިއަކުން ނިންމާލުމުން ފާޑުކިޔުންތައް އޮތީ އަމާޒުވެފައެވެ. ނަބީހު މީގެ ކުރިން ދުބާއީ މުބާރާތުގައި ބައިވެރިވެ ފައިނަލަށް ދަތުރު ކުރުމުން ރަތްދޫލައިގެ މަރުހަބާއެއް ކިޔެވެ.