މިދިޔަ އަހަރު އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ތަމަޅަ ފިލްމު "ޕުޝްޕާ: ދަ ރައިޒް"ގެ ލީޑު އެކްޓަރު އައްލޫ އަރްޖުން މި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖައްސައިފިއެވެ.
އާންމުންގެ އިތުރުން ކްރިޓީކުންގެ ބޮޑު މަގްބޫލުކަމެއް ލިބުނު މި ފިލްމުގެ ދެވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ ދެވަނަ ދުވަހު އަރުޖުން ފަށާއިރު މިހާރު އޭނާ އަންނަނީ ފިލްމަށް ހާއްސަ ޓްރެއިނިންތައް ނަގަމުންނެވެ. އަދި އަވަސްމުސްތަގްބަލެއްގައި އޭނާ މި ފިލްމުން ފެނިގެންދާނެ ގޮތް އާންމުންނަށް ދައްކާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ މި ފިލްމުގެ ލީޑު ތަރި އަރުޖުން ކުޅޭއިރު ބަތަލާގެ ރޯލު ކުޅޭނީ ފުރަތަމަ ފިލްމުގައި ވެސް ބަތަލާގެ ރޯލު ކުޅުނު ތަރި ރަޝްމިކާ މަންޑަނާ އެވެ. 200 ކުރޯޑު އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 48 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައެވެ. ފިލްމުގެ ދެވަނަ ބަޔަށް ކިޔާ ނަމަކީ "ޕުޝްޕާ: ދަ ރޫލް" އެވެ.
އަރުޖުން ވަނީ މި ފިލްމު ކުޅެދޭ އަގުވެސް ދާދިފަހުން ބޮޑުކޮށްފައެވެ. ފިލްމުގެ ފުރަތަމަ ބައި އޭނާ 6.3 މިލިއަން ޑޮލަރަށް ކުޅެދިން އިރު ފިލްމުގެ ދެވަނަ ބައި އޭނާ ކުޅެދޭނީ 11.3 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ސުކުމާރު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ދެވަނަ ބައި ވެގެންދާނީ ފިލްމުގެ ފުރަތަމަ ބަޔަށްވުރެ މާ ޝައުގުވެރި މާ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ފިލްމަކަށް ކަމަށް ޑައިރެކްޓަރު ބުނެއެވެ.