ބާހުބަލީ އިން ބޮޑު ކާމިޔާބީއެއް ހޯދި އެކްޓަރު ޕްރަބާސް އާއި ކްރިތީ ސެނަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "އަދިޕުރުޝް" ފިލްމު ރިލީޒްކުރާނެ ތާރީޚު އިއުލާން ކޮށްފިއެވެ.

ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މި ފިލްމު ދައްކާނީ ތްރީޑީ ކޮށެވެ. ފިލްމުގެ ރަސްމީ ޕޯސްޓަރު އަންނަ މަހުގެ ދެވަނަ ދުވަހު އާންމުކުރާނެއެވެ.

ބަތަލާ ކްރިތީ ބުނީ ފިލްމަށް ބޮޑު އިންތިޒާރެއް ކުރާކަމަށާއި އުފަލުން ފޮޅިފައި ހުރި ކަމަށެވެ. އަދި އާންމުންދޭނެ ފީޑްބެކް ބެލުމަށް ކެތްމަދުވެފައިވާ ކަމަށެވެ. މި ފިލްމުގައި މި ތަރިންގެ އިތުރުން ސަނީ ސިންހް ވެސް ހަރަކާތްތެރިވެއެވެ. ފިލްމުގައި ސަނީ ކުޅޭނީ ލަކްޝްމަން ކިޔާ ކެރެކްޓާއެކެވެ. ޕްރަބާސް ރާމް ކެރެކްޓާ ކުޅޭއިރު ކްރިތީ ކުޅޭނީ ސިތާ ކެރެކްޓާއެވެ. އަދި ރާވަން ގެ ރޯލު ކުޅޭނީ ސައިފެވެ.

މި ފިލްމު އިއުލާންކުރި ހިސާބުން ފެށިގެން މި ފިލްމު އަންނަނީ ސޯޝަލް މީޑިއާގެ އިތުރުން ހަބަރުތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދަމުންނެވެ. ސަބަބަކީ "ބާހުބަލީ" ގެ އެކްޓަރު ޕްރަޕާސް މި ފިލްމުގައި ހަރަކާތްތެރިވާތީއެވެ. އޭނާގެ އެކްޓިން ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު ޕްރަބާސް އަކީ މިހާރު ގިނަ ފިލްމުތަކުން ޖާގަ ހޯދަމުން އަންނަ ކުޅަދާނަ އެކްޓަރެކެވެ.

"އަދިޕުރުޝް" ވެގެންދާނީ ސައިފް އާއި ޕްރަބާސް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. އަދި މި ފިލްމުވެގެންދާނީ ކްރިތީ ވެސް މިދެތަރިންނާއެކު މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. އޯމް ރައުތު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ބުޝަން ކުމާރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.