ބަޑިއެއް ހިފައިގެން ހުރި މީހަކު، ރަޝިއާގެ ސްކޫލަކަށް ވަދެ ބަޑިޖެހުމުގެ ސަބަބުން 13 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

ހަބަރުތައް ބުނާ ގޮތުން، ރަޝިއާގެ މެދުތެރޭ އިވެސްކެގައި ހުންނަ ސްކޫލަކަށް ވަދެ ބަޑިޖެހި މީހާ ވަނީ، އެ ހާދިސާއަށް ފަހު އަމިއްލަ އަށް މަރުވެފައެވެ.

1000 ދަރިވަރުން ކިޔަވާ އެ ސްކޫލަށް އޭނާ ހަމަލާ ދިން ސަބަބެއް ސާފު ނުވާ އިރު، އޮފިޝަލުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރަޝިއާ މީޑިއާތަކުން އާންމު ކުރި ވީޑިއޯ އަކުން ފެންނަ ގޮތުގައި، ބަޑީގެ ހަމަލާ އާއެކު، ދަރިވަރުންނާއި ސްކޫލު ސްޓާފުން ބިރުން އުޅޭތަން ފެންނަ އިރު ބައެއް ދަރިވަރުން ތިބީ ޑެސްކް ދަށަށް ވަދެ ފިލައެވެ. އޭރު އެ ކުދިން ތިބި ކްލާސްރޫމްގެ ތަޅުން މަތީ ލޭ ހުރި އިރު ކުޑަދޮރަށް ބަޑީގެ ވަޒަން އަރާފައި ހުރި ތަން ފެންނަން ހުއްޓެވެ.

މަރުވި މީހުންގެ ތެރޭގައި 2 ޓީޗަރަކާއި ސެކިއުރިޓީ ގާޑުވެސް ހިމެނެއެވެ. އަދި ސަލާމަތުން ތިބި ސްޓާފުންނާއި ދަރިވަރުން ސްކޫލުން ވަގުތުން ނެރުނު ކަމަށް އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނެއެވެ.

ރަޝިއާގެ ސަރުކާރު މީޑިއާ ޓާސް އިން ބުނާ ގޮތުގައި، ބަޑިޖެހި މީހާ އަތުގައި 2 ފިސްތޯލައެއް އޮތެވެ. އަދި އޭނާ ލައިގެން ހުރީ ނާޒީ ލޯގޯ ޖެހި ޓީޝާޓެއް ކަމަށާއި، އެ ހާދިސާ ހިނގި ސްކޫލަކީ 600،000 މީހުންގެ އާބާދީއެއް ދިރިއުޅޭ، ސަރުކާރު އޮފީސްތަކާ ކައިރީގައި އޮންނަ ޓައުނެއްގައި ހުރި ސްކޫލެއް ކަމަށެވެ.