މިއަދު ހަނިމާދޫ އެއާޕޯޓުގެ ސްޓާފުންގެ ޗެކިން އެއް ހިގަމުން ދިޔަ އިރު "ރަނގަޅަށް ޗެކް ކުރައްޗޭ ފިސްތޯލައެއް އެބަ އޮތޭ" ބުނި މުވައްޒަފަކު ހިފަހައްޓައިފިއެވެ.

"ދަ ޕްރެސް" އަށް ޔަގީން ވެފައި ވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރެއްވި ފްލައިޓް މިއަދު ހަނިމާދުއަށް ޖައްސަން ކައިރި ވެފައި ވަނިކޮށް ކުރިއަަށް ދިޔަ، އޮޕަރޭޝަން ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހަށިގަނޑު ޗެކް ކުރަނިކޮށް އެތަނުން އެކަކު، އަތުގައި ފިސްތޯލެއް އެބައޮތް ކަމަށް ބުނުމުން ހައްޔަރު ކުރީއެވެ.

ރައީސް ހދ އަދި ހއ އަށް ކުރައްވާ ދަތުރުފުޅުގައި ހަނިމާދު އަށް ވަޑައިގަތީ މިއަދު ހެނދުނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން، ބުނީ، އެއާޕޯޓުގެ ރައްކާތެރިކަން ކޮމްޕްރޮމައިޒް ވާ ގޮތަށް އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުން، އެ މުވައްޒަފަކު އެހެން ބުނީ މަޖަލަކަށް ކަމަށް ވެއެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި ހދ. ނައިވާދޫގެ އިތުރުން އެ އަތޮޅު ފިނޭއަށާއި، ހއ. އުތީމް އަދި ހއ. ދިއްދުއަށް ވަޑައިގަންނަވާނެއެވެ.

އުތީމަށް ވަޑައިގަންނަވާ ދަތުރުފުޅުގައި ގައުމީ ދުވަހާ ގުޅިގެން އެރަށުގައި ބާއްވާ ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ހުއްދަ ނެތް ފަރާތްތަކުން ހަތިޔާރާއި އެނޫންވެސް އެބާވަތުގެ މަނާ ކޮށްފައި ވާ އެއްޗެއް ގެންގުޅުންވެސް އަދި އޮތް ކަމަށް ބުނުމަކީވެސް މަނާ ކަމެކެވެ.