މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތައް ހިމެނޭ ކުއްލި މައްސަލައެއް ހުށަހަޅުއްވައި، މަސްވެރިންގެ ޝަކުވާތައް އަވަހަށް ހައްލުކޮށްދިނުމަށް ގޮވާލައްވައި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް މިއަދު ހުށަހަޅައިފިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވައި ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާ މި ދުވަސްވަރު، މަސް ގަންނަ މިންވަރު ހިފަހައްޓައި، މަސްވެރިން ބާނާ މަސް ކިރުވަން އެތައް ދުވަހެއް ވަންދެން ކިޔޫގައި މަޑުކުރަން ޖެހި، ބާނާ މަހަށް ހަމަ އަގު ނުލިބޭތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އައިސް ހޯދުމަށާއި، ތެޔޮ ހޯދުމަށާއި، މަސް ކިރުމަށް ކިޔޫގައި އެތައް އިރެއް ވަންދެން ތިބެން ޖެހުމުންނާއި، ރަނގަޅު އަގެއްގައި އައިސް ނުލިބުމުގެ ސަބަބުން މަސްވެރިން ތިބީ ގޮތް ހުސްވެފައެވެ.

ހަމަ އެއާއެކު، މަސް ގަންނަ އަގު ހިފެހެއްޓި، ކިޔޫތަކުގައި ގިނަ ދުވަހު މަޑުކުރަން ޖެހޭތީވެ ލިބޭ އާމްދަނީ ދަށްވެ، ދޯނިފަހަރުގެ ހަރަދުތައް ހަމަޖައްސަން ދަތިވުން ފަދަ މައްސަލަތައް ކޮންމެ މަސްވެރި މޫސުމެއްގައި ދިމާވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މަސްވެރިންގެ ހާލު ސަރުކާރަށް އެނގޭ އިރު ވެސް ސަރުކާރުން މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ، މަސްވެރިން ކުރަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބުގައި މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމަށް މަސްވެރިންނަށް މި ސަރުކާރުން ބޮޑެތި ވައުދުތައްވެ ވެރިކަމަށް އައުމަށް އެކުލަވާލި ރިޔާސީ މެނިފެސްޓޯގައި އެންމެ ބޮޑު ވައުދެއްގެ ގޮތުގައި ހިމެނޭ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމުގެ ޝަކުވާ މަސްވެރިން ކުރަމުން ދާތީ."

މަސްވެރިންގެ ގާނޫނުގައިވާ ގޮތަށް ގޭދޮށު ފެކްޓްރީތަކާއި އައިސް ޕްލާންޓް ފަދަ ތަންތަން އަޅައި މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ނިޔަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން މަސްވެރިން ތިބީ މާޔޫސްވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަތަރު އަހަރު ފާއިތުވެގެން ދިޔަ އިރު ވެސް، މިފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން ޝިޔާމް ވަނީ، ބޭރުގެ މަސް ދޯނިފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެތެރެވަމުން ދާތީ އަދި ދާ ޖަހައިގެން މަސްވެރިކަން ކުރާއިރު އެ ދޯނިފަހަރަށް ފިޔަވަޅު ނޭޅޭތީވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

މިފަދަ ކަންކަން ތަކުރާރުވަމުން ދާތީ، މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަންކަން ތަކުރާރުވަމުން ދިއުމުގެ ސަބަބުން މަސްވެރިން ގޮތް ހުސްވެފައިވާތީ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ވަގުތުން ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ މި ކުއްލި މައްސަލަ ހުށަހަޅަން."

ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރުމާ މެދު ފެންނަ ގޮތަކަށް ވޯޓު ދިނުމަށް ރިޔާސަތުން ހުޅުވާލުމުން، 25 މެންބަރުން ވަނީ ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. ހަތަރު މެންބަރަކު މައްސަލަ ބަލައިގަތުމަށް ދެކޮޅު ހެއްދެވިއިރު، ވަކި ކޮޅަކަށް ބުރަ ނުވެ އިންނެވީ އެންމެ މެންބަރެކެވެ.