އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އަށް ވެސް، އެމްޑީ އަލަމްގީރް މިއަދު އިއުތިރާފް ވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ފަހު ވީޑިއޯކުރި އަލަމްގީރުގެ ވީޑިއޯތައް ލީކުވީ މީގެ ތިން މަސް ކުރިންނެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާ ވަނީ ހަތް މަހަށް ޖަލަށް ލައިފައެވެ.

މައްސަލައިގެ ބާވަތުން މިއަދުގެ އަޑުއެހުން ގެންދިޔައީ ސިއްރުންނެވެ. މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އަލަމްގީރް ކުށަށް އިއުތިރާފް ވުމުން، ދެން އޮންނާނީ އެ މައްސަލައިގައި އޭނާ އަށް ހުކުމް ކުރުމެވެ.

އަލަމްގީރް ހައްޔަރުކުރީ ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މަންޒަރު ފެންނަ ވީޑިއޯތަކަކާ ގުޅިގެންނެވެ. އެ ވީޑިއޯތަކުގެ ތެރޭގައި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯ ހިމެނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކުރި ދައުވާތަކަށް އިއުތިރާފްވުމުން، ނާޒިމް ވަނީ ތިން މަސްދުވަހަށް ގޭގައި ބަންދުކޮށްފައެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައެވެ.