މިހާރު އިންޑިއާގެ ސިނަމާތަކުގައި އަޅުވާފައި އޮތް ވަރުގަދަ ފިލްމު "ބުރައްމަސްތުރާ" ގެ ރޯލު ރަންބީރު ކުޅުނީ ހިލޭކަމަށް ފިލްމުގެ ޑައިރެކްޓަރު ހާމަކޮށްފިއެވެ.

ފިލްމުގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފިލްމު ހަދަން ނިންމި ނިންމުމަކީ ވަރަށް ބޮޑު ގުރުބާނީތަކެއް ވެގެން ހަދަން ނިންމި ފިލްމެއް ކަމަށާއި އަދި ފިލްމުގެ ފިރިހެން ލީޑު ރޯލު ކުޅުނު އެކްޓަރު ރަންބީރު މި ފިލްމު ކުޅެދިނީ ހިލޭކަމަށެވެ. ސްޓާ އެކްޓަރެއްކަމުގައި ރަންބީރު ވިޔަސްވެސް މި ފިލްމުގެ އެއްވެސް މަސައްކަތަކަށް އޭނާ އެއްވެސް އަގެއް ނުނަގާކަމަށެވެ. އަޔާން ބުނީ މިއީ ވަރަށް ބޮޑު ކަމެއް ކަމަށާއި ރަންބީރު އާއި ނުލައި މި ފިލްމު ނުހެދުނީސްކަމަށެވެ.

އަޔާން ބުނީ ފިލްމުގެ ބަތަލާ އާލިއާ ބަޓް އާންމުކޮށް ފިލްމު ކުޅޭ ވަރުގެ އަގަށްވުރެ ހަގުނަ ކުޑަކޮށް ފިލްމު ކުޅެދޭން އެއްބަސްވި ކަމަށާއި އެއީ މި ފިލްމުގެ ރޯލު އާލިއާ އަށް ހުށައެޅިތާ ވަރަށް ޒަމާންވުމުން ކަމަށެވެ. މިހާރު ސްޓާ އެކްޓަރެއްގެ ގޮތުގައި އާލިއާ ހިމެނުނު ނަމަވެސް އޭނާ މި ފިލްމު ކުޅެން ނިންމީ 2014 ވަނަ އަހަރުގައި ކަމަށެވެ. އެއީ މި ފިލްމު ހަދާކަން އަޔާން އިއުލާންކުރި އަހަރެވެ. ބަތަލާ އާލިއާ ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރުގައެވެ.

ސްޓާ އެކްޓަރަކަށް ވުމުން އޭރު ކީ އަގަށްވުރެ އެންމެ ރުފިޔާ އެއްވެސް ގިނައިން އާލިއާ މި ފިލްމު ކުޅުމަށް ނުނަގާކަމަށް ޑައިރެކްޓަރު ބުންޏެވެ. މިދެތަރިން މި ފިލްމަށްވި ގުރުބާނީ އޭނާގެ ހަޔާތުން ދުވަހަކުވެސް ނުފިލާނެ ކަމަށާއި މި ފިލްމު އެހާ ވަރުގަދަ ފިލްމަކަށް މިވީ ރަންބީރު އާއި އާލިއާ އާއި ހެދި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ބުރައްމަސްތުރާ: ޕާޓް ވަން-ޝިވާ" ހެދުމަށް 51 މިލިއަން ޑޮލަރު ވަނީ ހޭދަވެފައެވެ. މި މަހު ނުވަ ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް މިހާތަނަށް ވަނީ 44.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އަދި ވެސް އިންޑިއާގެ ގިނަ ސިނަމާތަކުގައި މި ފިލްމު އަންނަނީ ދައްކަމުންނެވެ.