މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކޯޓުން އަންހެން މީހާގެ ރައްކާތެރިކަމުގެ އަމުރެއް ނެރުމަށް ފަހު އެ އަންހެން މީހާ ދިރިއުޅޭ ގެއިން ފިރިހެން މީހާ ނުކުތުމަށް ވަނީ އަންގާފައިވާ ކަމަށެވެ.

އެކަމަށް އިންކާރުކޮށް އެ ގޭގައި ދިރިއުޅޭ ކުޑަކުއްޖަކަށް އަނިޔާ ކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 2:00 ޖަހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ މައުލޫމާތު ލިބުމުން ފުލުހުން އެ ގެއަށް ދިއުމުން އެ ފިރިހެން މީހާ ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައިފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.