ތިލަފުށީގެ ކުނި ގޮނޑުގައި މިއަދު މެންދުރުފަހު ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި ނަމަވެސް އެ ސަރަހައްދުން ކުރިއަށް އޮތް ހަފްތާއެއް ހާ ދުވަސްތެރޭ ވެސް ދުމުގެ އަސަރު ފެންނާނެ ކަމަށް ކަމަށް ވެމްކޯއިން ބުނެފިއެވެ.

މިއަދު ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން ފަޔާ އެންޑް ރެސްކިއު ސާވިސް އާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށާއި އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ވެމްކޯ އިން މި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އަލިފާނުގެ ހާދިސާ ހިނގީ އެ ރަށުގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ސަރަހައްދުގައި ކަމަށެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެ އަލިފާންގަނޑު ނިއްވާލެވިފައިި ޔަސް، އެ ސަރަހައްދުން ދުން އަރަމުން ދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ސަރަހައްދުން އަލިފާން ފެނުން އެކަށީގެންވާ ކަމަށާއި ބޯކޮށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެމްކޯއިން ބުނެއެވެ.

ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރާ މަސައްކަތުގައި ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ކުނި ޕްރޮސެސްކޮށް ބޭލް ކުރެވެމުން އަންނަ ކަމަށް ވެމްކޯއިން ބުނެއެވެ. ނަމަވެސް ތިލަފުއްޓަށް ގެންދާ ކުނީގެ އަދަދު އިތުރުވެފައި ވުމާއި ކުނި މެނޭޖުކުރުމަށް ކުރާ މަސައްކަތް އިތުރުކުރަން ޖެހިފައިވާ ކަން ވެމްކޯއިން ފާހަގަ ކުރެއެވެ. މިހާރު ތިލަފުއްޓަށް ގެންދާ ކުނި އިތުރުވެފައި ވުމުން، ވަކި ތަނެއްގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ކަމަށް ވެމްކޯއިން ބުނެއެވެ. އެގޮތުން މިއަދު އަލިފާނުގެ ހާދޮސާ ހިންގާފައި ވަނީ ވަގުތީ ގޮތުން ކުނި އެއްކޮށް ބަހައްޓާފައި ހުރި ސަރަހައްދުން ކަމަށް ވެމްކޯއިން ބުނެއެވެ.

މި އަލިފާނުގެ ހާދިސާއިން އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަށް އެއްވެސް ރަސްމީ އިދާރައާކުން ބުނެފައެއް ނުވެއެވެ.