ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހޯދަމުން ދަނިކޮށް މަގުމަތިން ފެނިގެން ސުވާލު ކުރުމުން ޝަހްސު އޮޅުވާލަން މަސައްކަތް ކުރި މައްސަލައިގައި މ. ވައިޓްފިޝް، ކ. މާލެ، އިބްރާހިމް ޝަރީފް 2 މަހާއި 12 ދުވަހަށް ގޭބަންދު ކުރަން ހުކުމް ކޮށްފިއެވެ.
ދައުލަތުން މި ދައުވާ ކޮށްފައި ވަނީ އޮގަސްޓް 14، 2020 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އިބްރާހިމް ޝަރީފް ހޯދަމުން ދަނިކޮށް، ބާ ޖަމާލުއްދިީން ކައިރިން މީނާ ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހިފަހައްޓައި އޭނާގެ މައުލޫމާތު ސާފުކުރުން އޭނާގެ ފުރިހަމަ ނަމަކީ އާދަމް ފަރުހާން ކަމަށާއި އަދި ނުބައި އައިޑީ ކާޑް ނަންބަރެއް ބުނެ އޭނާގެ ޝަހްސު އޮޅުވާލާފައި ވާތީއެވެ. މި މައްސަލައިގައި ދައުވާއަށް ޖަވާބުދާރީވާން އޭނާއަށް ދިން ފުރުސަތުގައި ވަނީ އެ ދައުވާއަށް އޭނާ އިއުތިރާފްވާ ކަމަށާއި އަދި އިއުތިރާފް ވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި ކަމަށް ބުނެފައެވެ.
އެހެންކަމުން އޭނާ މި ދައުވާގެ އިބްތިދާއީ މަރުހަލާގަ އާއި އަވަސްނިޔާގެ ޝަރީއަތުގެ މަރުހަލާގައި ކުށަށް އިއުތިރާފް ވެފައި ވާތީ އަދަބު ކަނަޑައެޅުމުގައި ވަނީ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށް ކޮށްފައެވެ. އޭރުން އޭނާއަށް އަންނަ އަދަބަކީ 3 މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ.
މި ދައުވާ އަށް އޭނާއަށް އަސްލު ލިބެން ޖެހޭ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އިބްރާހިމް ޝަރީފްގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްފައި ވާތީ، މި ދައުވާއަށް އަދަބު ކަނަޑައެޅުމުގައި އެއް ހާދިސާއަކާ ގުޅިގެން އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައަޅާނަމަ ތިން ވަނަ އަށް އެންމެ ދިގު އަދަބުގެ މުއްދަތު ކަނޑައަޅަން ޖެހޭ އަދަބު ކަނޑައަޅަން ޖެހެނީ އެ ކުށަށް ކަނަޑައެޅޭ އަދަބުގެ 4 ބައިކުޅަ އެއްބައެވެ. އެހެންކަމުން 4 މަހާއި 24 ދުވަހުގެ ޖަލު އަދަބު 1 މަހާއި 6 ދުވަހުގެ ޖަލު އަދަބަކަށް ބަދަލު ކުރެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޖަލު އަދަބުގެ ބަދަލުގައި ކުށްވެރިޔާގެ މައްޗަށް އެހެން އަދަބެއް ކަނޑައެޅުމަށް ފަނޑިޔާރަށް ލިބިދޭ އިހްތިޔާރުގެ ދަށުން ިއބްރްހިމް ޝަރީފް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ބަދަލު ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ޝަރީއަތަށް ފެންނަ ކަމަށް ވަނީ ނިންމާފައެވެ. އެގޮތުން 1 މަހާއި 6 ދުވަހުގެ ޖަލު ހުކުމުގެ ބަދަލުގައި ގޭ ބަންދަށް ބަދަލު ކުރުމުން އިބްރާހިމްގެ ޝަރީފްގެ މައްޗަށް އަންނަނީ 2 މަހާއި 12 ދުވަހުގެ ގޭ ބަންދެއް ކަމަށް ކަނޑައަޅައި މިއަދު ވަނީ ހުކުމް ކޮށްފައެވެ.