ދިވެހިން އެންމެ ބޭނުން ޖެހޭ ކަންކަމާއި، ދިވެހިންނަށް ދިމާވާ ދަތިތައް އިންޑިއާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ޑިފެންސް ކޮންކްލޭވްގައި ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި މާރިޔާ ވިދާޅުވީ، އިންޑިއާ ކަނޑުގެ ބޮޑު ބަޔަކީ މާ ބޮޑަށް މޮނިޓާކުރެވޭ ތަނަކަށް ނުވާއިރު، އެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ކަންކަން ފާހަގަ ނުކުރެވޭ ކަމަށެވެ. އެންމެ ގައުމަކަށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި، އެހެންވެ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް، އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަށް އިންޑިއާ އިން ބޮޑު ދައުރެއް އަދާކުރަން ޖެހޭނެއެވެ. އެކަން ކުރުމުގައި ކުދި ގައުމުތަކަށް އިސްކަން ދޭން ޖެހޭނެ ކަން މާރިޔާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގައުމަކަށް އެ އިރެއްގައި ދިމާވާ ދަތިތަކާއި ޖެހިފައިވާ ބޭނުންތަކަށް އެހެން ގައުމަކުން ރިއާޔަތްނުކުރާ ނަމަ، އެ ބޭނުންތައް ފުއްދުމަށް އެހެން ދިމަދިމާ އަށް ބަލާނެ ކަމަށެވެ. އަދި އަސްކަރީ ގޮތުން ބާރު ގަދަވިޔަސް، އެ ގައުމެއް ދެކެ ކުދި ގައުމުތަކުން ޖެހިލުން ވާނެ ކަމަށް ގަބޫލު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު، އެ ގައުމުތަކަށް އިގްތިސޯދީ އާއި އިޖުތިމާއީ ފުދުންތެރިކަން މުހިންމު ކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވި ގޮތުގައި ބާރުގަދަ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ އިގްތިސޯދީ ތަރައްގީ އާއި އިޖުތިމާއީ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުން މުހިންމެވެ.

އެއަށްފަހު، ރާއްޖެ އާއި އިންޑިއާ އާ ދެމެދުގެ ގުޅުމަށް އަލިއަޅުވާލައްވައި، މާރިޔާ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ އާދަޔާ ހިލާފު، އަދި ތަފާތު ގުޅުމެއް ކަމަށާއި، އެ ގުޅުން އަބަދު ވެސް ވަރުގަދަ ވާނެ ކަމަށެވެ.

"ދިވެހިން އެންމެ ބޭނުން ޖެހޭ ކަންކަން، އަދި ދިމާވާ ގޮންޖެހުންތަކާއި ދަތިތައް އިންޑިއާ އަށް އެނގޭ. އަހަރެމެންގެ ގުޅުން ބިނާވެފައި މިއޮތީ، އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިތުބާރުގެ މައްޗަށް. އަހަރެމެންގެ ގުޅުމަކީ ކުރި އަރަމުން އަންނަ ގުޅުމެއް،"

ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއި އިންޑިއާގެ ޑިފެންސް އެންޑް ސެކިއުރިޓީ ޕާޓްނާޝިޕް ވަރުގަދަ ވެގެން ދާނެ ކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަކީ ގިނަ ދުވަސްވީ، އަދި ޔަގީންކަން ބޮޑު ގުޅުމެއް ކަމަށެވެ.