ޒުވާނަކާއި އުމުރުން ދުވަސް ވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދާ އުމުރުން 27 އަހަރުގެ މުހައްމަދު އަޛުހާން ގެއްލިފައިވަނީ ހުޅުމާލެ ފޭސް 2 އިން ކަމަށާއި ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ގާތްގަނޑަކަށް ރޭ 7 ޖަހާއިރު ކަމަށެވެ. އަދި އަޛުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެނަމަ ހުޅުމާލެ ފޭސް 2ގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅާ އެކަން އަނގަން އެދިފައެވެ.

މީގެ އިތުރުން ލ. ގަމުން އުމުރުން 60 އަހަރަށް ވުރެ ދުވަސްވެފައިވާ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ލ. ގަމު ކައުންސިލް މެންބަރު އަބްދުﷲ ޝުއާއު ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އެ ރަށު ތުނޑި ރަތްފުސްގެ ހަދީޖާ އަބްދުއްރަހުމާން ކަމަށާއި އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ޝުއާއު ވިދާޅުވިއެވެ.