އައްޑޫ ހިތަދޫގައި އިއްޔެ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމުގެ އިންޒާރުދިން ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި އެ ދެ މީހުންގެ އަތުގައި އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު އެ ދެމީހުން ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މީގެ ދެ ދުވަހެއް ކުރިން މާފަންނު ފުލުހުންގެ އިދާރާ އަށް ވަދެ މީހަކު ވަނީ އެތަނުގައި މަސައްކަތް ކުރާ ފުލުހަކަށް އިންޒާރުދީފައިވާއިރު އެ މީހާ ހައްޔަރުކުރި ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރީ ގޯސްކޮށް ކަމަށް ނިންމައި ވަނީ ދޫކޮށްލައިފައެވެ.

މީގެ އިތުރުން މި މަހުގެ ނުވަވަނަ ދުވަހު ވެސް ތިން ފުލުހަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ފަސް މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު އެއް މަސްދުވަހަށް ބަންދު ކުރި އިރު، ބާކީ ތިބި މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.