އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިސޯރީ އަށް ނިސްބަތްވާ އުމުރުން 14 އަހަރުގެ ސޭޑީ ޓެސެމޭ އަށް ދިމާވެފައި ވަނީ އާންމު އެހެން ކުދިންނަށް ދިމާވާ ކަންތައްތަކާއި މުޅިން ހިލާފުކަމެކެވެ.

ގަބޫލުކުރަން ކިތަންމެ ދަތި ވިޔަސް ސޭޑިީ އަކީ ފެނަށް އެލާޖިކްވާ ކުއްޖެކެވެ. މި ކަހަލަ ކޭސްތަކަކީ ވަރަށް މަދުން ފެންނަ ކޭސްތަކެކެވެ. 230 މިލިއަން މީހުންގެ ތެރެއިން ކޮންމެވެސް އެކަކަށް މި ބަލި ތަހައްމަލު ކުރަންޖެހޭއިރު ސޭޑީ މިވަނީ އޭނާގެ ޅައުމުރުގައި އެކަން ތަހައްމަލު ކުރަން ޖެހިފައެވެ.

ސޭޑީ ބުނީ މިދިޔަ އަހަރުގެ މެދަކާ ހަމައަށް ދިޔައިރު ވެސް އޭނާ އަކީ ހަމަ "ނޯމަލް" ކުއްޖެއް ކަމަށެވެ. ފެންވަރައި ފެންބޮއި ހެދިއިރު ވެސް އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ. ނަމަވެސް އޭނާގެ ދިރިއުޅުން ބަދަލުވީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ކައިފައި އަތްދޮންނައިރު، ފެންވަރާއިރު އެކަން ކޮށް ނިމޭފަހުން ގަޔާ ތަންތަން ބަލާއިރު ހުންނަނީ އެތައް މިތަނުން ކަނޑައިގެން ގޮއްސައެވެ. ހީވަނީ ގައިގައި މީހަކު އަލިފާން ޖައްސާ ފިއްސާލާފައި ހުންނަހެނެވެ.

ސޭޑީ ބުނީ އެންމެ ފުރަތަމަ އޭނާ އެކަން ސީރިއަސްކޮށް ނުނަގާ އެކަން ނެގީ ޖޯކަކަށް ކަމަށާއި އަސްލު ހީކުރީ ހޫނު ފެނުން ފެންވެރީމާ ވާގޮތްކަމަށެވެ. އެކަމަކު ގަވައިދުން ޗެކްއަޕް ހަދަމުން އަންނަ ސޭޑީ މި އަހަރު ހަމުގެ ޑަކްޓަރަކަށް ދެއްކުމުން ހާމަވެގެންދިޔައީ އޭނާ ފެނަށް އެލާޖިކް ކަމެވެ. އޭނާ ޑައިގްނޯސްވީ އަކުއަޖެނިކް އާޓަކޭރިއާ އަށެވެ.

"ފެން ޖެހުނީމަ ބައެއް ފަހަރު ހީވޭ މީހަކު ގަޔަށް ޕެޓްރޯލް އަޅާފައި ރޯކޮށްލާހެން ވެސް. އަތްދޮވެ ފެންވަރުމުގެ އިތުރުން ރޮއުނަސް އަހަރެންނަށް ބޮޑު އެލާޖީ ރިއެކްޝަނެއް އާދޭ،"

ސޭޑީ ބުނީ ރޯން ބޭނުންވާ ފަހަރު އަންނާނެ ކަމަށާއި އެކަމަކު ނުރޮވެނީވެސް ފަހުން ވާނެ ތަދު މާބޮޑު ވާނެކަން އިހުސާސް ވާނެތީއެވެ. އަމިއްލަ ކަރުނަ އާއި މެދުވެސް ސްޓްރެސް ވާކަމަށް ސޭޑީ ވަނީ ބުނެފައެވެ.

އާންމުކޮށް މި ބަލި ޖެހިފައިވާ މީހުންގެ ގައިގައި ފެންޖެހޭތާ 20 މިނެޓު ތެރޭ އެލާޖީ ރިއެކްޝަން ފެނިގެންދެއެވެ. ނަމަވެސް ސޭޑީގެ ހަށިގަނޑުގައި ފެންޖެހޭތާއި 30 ސިކުންތު ތެރޭގައި ރިއެކްޝަން ފެނިގެންދެއެވެ.

"އަހަރެންނަކީ އަބަދުވެސް ފުޓްބޯޅަ ކުޅެ މޫދަށް އެރެން ވަރަށް ފޯރި ހުންނަ ކުއްޖެއް. އެކަމަކު މި ކަންތައްގަނޑު ދިމާވިފަހުން އެކަމެއްވެސް ނުކުރެވޭ،"

ސޭޑީގެ ނަސީބު ރަނގަޅުކަމުން އޭނާގެ އެތެރެ ހަށިގަނޑަކަށް ފެނުގެ އަސަރެއް ނުކުރެއެވެ. އެހެންވެސް އޭނާއަށް ފެނާއި ދިޔާ އެއްޗެހި ބޮއެވެއެވެ. އެކަމަަކު ފެންވެސް ބޮވެނީ ހޮޅިއަކުންނެވެ. އެއީ ތުންފަތުގައި ފެންޖެހިދާނެތީއެވެ.