ދިރުވާލައިގެން ރަން އެތެރެކުރި އިންޑިއާ މީހަކު 60 ހާހުން ޖޫރިމަނާކޮށްފިއެވެ.

މީގެ ދެ މަހެއް ކުރިން އަކްޝޭކުމާރު ސުރޭޝްރާއީ ބަޓް ނަމަކަށް ކިޔާ އިންޑިއާ މީހެއްގެ ހަށިގަނޑު ތެރޭގައި ރަން ހުރިކަން އެނގުނީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުވެގެން ހަށިގަނޑު ބަލައި ފާސްކުރުމުންނެވެ.

އެ ތަކެއްޗަކީ ރަން ކަމަށް އޭނާ ވަނީ އަމިއްލަ އަށް އެއްބަސްވެފައެވެ.

ގާޒީ އިސްމާއީލް ޝަފީއު ކުރެއްވި އަވަސް ނިޔާގެ ހުކުމުގައިވާ ގޮތުން، ރަން އެތެރެކުރި އަކްޝޭކުމާރު ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެ އެއްބަސްވުމުގައި އޭނާ ވަނީ، ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުން 60 ހާސް ރުފިޔާ ދައްކަން އެއްބަސްވެފައެވެ.

އެހެންވެ، ފަސް މަސްދުވަހުގެ ތެރޭ މީރާ އަށް 60 ހާސް ރުފިޔާގެ ޖޫރިމަނާ ދެއްކުމަށާއި، ދައުލަތަށް ރަންތައް ނެގުމަށް ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފައެވެ.