ބޮލީވުޑްގެ ކުޅަދާނަ ބަތަލާ މޯނީ ރޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މި މަހު ނުވަ ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި "ބުރައްމަސްތުރާ"ގެ ކާމިޔާބަށްފަހު ބަތަލާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައީ މީގެ ހަތަރު ދުވަސް ކުރިންނެވެ. މޯނީގެ މަންމަގެ އުފަންދުވަހުގެ ހަފްލާ ބޭއްވުމަށް އާއިލާ އާއި ފިރިމީހާ އާއެކު މޯނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ފުށިފަރު މޯލްޑިވްސްގަ އެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ވީޑިއޯތަކާއި ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާއިރު މޯނީ ބުނީ ރާއްޖެ އަކީ އޭނާއަށް އެންމެ ކަމުދާ އެއް މަންޒިލް ކަމަށެވެ. ބަތަލާ މޯނީ ވަނީ މީގެ ކުރިންވެސް އެތައް ފަހަރަކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. ނަމަވެސް އޭނާ ކައިވެނިކުރި ފަހުން މިއީ ރާއްޖެ އަށް އޭނާ ކުރި ފުރަތަމަ ދަތުރެވެ.

ބަތަލާ މޯނީ އާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާ ކައިވެނިކުރީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. ސޫރަޖަކީ ދުބާއީގެ ވިޔަފާރިވެރިއެކެވެ. ބޮލީވުޑްގެ ތަރިން ބޭރުގެ ވިޔަފާރިވެރިންނާއި ކައިވެނިކުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އޭގެ ތެރޭގައި ބަތަލާ ސޯނަމް ކަޕޫރުވެސް ހިމެނެއެވެ. އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ އަކީ ވެސް އިންޑިއާ އިން ބޭރުގެ ވިޔަފާރިވެރިއެކެވެ.

މޯނީ އެންމެ ފަހުން ފެނިގެންދިޔައީ ފިލްމު "ބުރައްމަސްތުރާ" އިންނެވެ. އެ ފިލްމު އަދިވެސް ތިއޭޓާތަކުގައި ދައްކަމުން އަންނަ އިރު އެ ފިލްމަށް މިހާތަނަށް ވަނީ 300 ކުރޯޑުގެ އާމްދަނީއެއް ލިބިފައެވެ. މޯނީ އެ ފިލްމުގައި ކުޅުނީ ޖުނޫން ކިޔާ ކެރެކްޓާއެކެވެ. އެ ފިލްމުގައި މޯނީ އާއެކު ހަރަކާތްތެރިވީ ބަތަލާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރެވެ. މިއީ އާލިއާ އާއި ރަންބީރު އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.