ދިވެހި ފުލުހުންގެ ހިމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެން ދާ ހަރަކާތްތަކުގެ ތެރެއިން "ސައިބާ ސޭފްޓިއާއި ބުލީން"އާ ބެހޭގޮތުން 29،979 ދަރިވަރަކަށް މައުލޫމާތު ދީފިއެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން ވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައިވާ ސްކޫލުތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެފައެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9،290 ދަރިވަރަކަށް މައުލޫމާތު ދީފައި ވާއިރު އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 20،778 ދަރިވަރަކަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މި ހަރަކާތުގެ ތެރެއިން ޖުމްލަ 29،979 ދަރިވަރަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން “ސައިބާ ސޭފްޓިއާއި ބުލީން” އާ ގުޅޭގޮތުން ދަރިވަރުންނަށް އެސެމްބްލީގައި މަޢުލޫމާތު ދެނީ / ފުލުހުން

ފުލުހުން ބުނީ، އަވައްޓެރި ފުލުުހުންގެ ހަފްތާގެ ހަރަކާތްތައް މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާއިރު މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި “ވޯކް އެންޑް ޓޯކް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން “ސައިބާ ސޭފްޓިއާއި ބުލީން” އާ ގުޅޭގޮތުން ދަރިވަރުންނަށް އެސެމްބްލީގައި މަޢުލޫމާތު ދެނީ / ފުލުހުން

ފުލުހުން ބުނީ، އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް މިއަދުން ފެށިގެން މިމަހު 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މުއްދަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތްތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާއި ބައްދަލުކުރުމާއި، ކޮމިޔުނިޓީ މީޓިންތަކާއި، ލޭ ހަދިޔާކުމުގެ ކޭމްޕާއި، ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ވިޒިޓިން ވަލްނަރަބަލް ޕޮޕިއުލޭޝަނާއި، ގުރައިދޫއަށް ޒިޔާރަތް ކުރުމާއި، ކޮމިޝަނާ މީޓިންގް ޕެނަލާއި، އަވައްޓެރި ފުލުހުން މީޑިޔާއަށް، އަ ޑޭ ވިތް ޕާޓްނާސް، ޕްލާސްޓިކް ކްލީނިން އިވެންޓް، ޕާކްތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތްތަކެއްގެ އިތުރުން އަވައްޓެރި ފުލުުހުންގެ ހަވީރެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.